ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުޅިވަރު ކުޅެވޭނެ އައު ފުރުސަތުތަކަކާއެކު، ހުޅުމާލޭ ފޭސް އެކެއްގައި ގާއިމުކުރި 'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފިއެވެ.
ފިޔަވައްޗާ އިންވެގެން އޮންނަ ސަރަހައްދުގައި ތަރައްގީކޮށްފައިވާ މި ޕާކު ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހުޅުއްވައިދެއްވީ އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު އަލީ ޒުހައިރާއި ހުޅުމާލެ ކޮމިޔުނިޓީ ރެޕްރެޒެންޓެޓިވް އިބްރާހިމް ނައީމްއެވެ. ޕާކު ހުޅުވުން ފާހަގަކުރުމުގެ ގޮތުން ރޭ ވަނީ އެތަނުގައި ހާއްސަ ކިކް އޮފް މެޗުތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ސްޕޯޓްސް ޕާކަކީ އެކި ކުޅިވަރުތަކަށް އެކަށޭނެ ގޮތަށް ގާއިމުކޮށްފައިވާ ތަނެކެވެ. އެގޮތުން، ފެންވަރު ރަނގަޅު ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓެއް ވަނީ ހަދާފައެވެ. މީގެ އިތުރުން، މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އުޅަނދުތައް ޕާކުކުރުމަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ހާއްސަ ޕާކިންގް ޒޯނެއްވެސް ވަނީ ތަރައްގީކޮށްފައެވެ.
އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މިއީ ހުޅުމާލޭގެ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކޮށް، ހަރަކާތްތެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަޝްރޫއެކެވެ. ރައްޔިތުންނަށް ފަސޭހައިން ކުޅިވަރު ކުޅެވޭނެ މާހައުލެއް ގާއިމުކުރުމަށް އެޗްޑީސީން އަންނަނީ ހުޅުމާލޭގެ ދެ ފިޔަވަހީގެ އެކި ސަރަހައްދުތަކުގައި އައުޓްޑޯ ޖިމްތަކާއި ކުޅިވަރު ދަނޑުތައް ހަދައި، އާންމުންނަށް ހުޅުވާލަމުންނެވެ.
ކޮމެންޓު ފޮނުވާ