ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފުވިކަމަށް ބުނެ، ކުރީގެ ދެ ރައީސުންނާއި މަޖިލީހުގެ ބައެއް މެންބަރުންގެ މައްސަލަ އަމިއްލަ ފަރާތަކުން ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
ކްރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ، ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެކި ޕްލެޓްފޯމްތަކުގައި އެ ޑޮކިއުމެންޓްރީގެ ވާހަކަ ތަކުރާރުކޮށް ދައްކަވައި ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ ބޭފުޅުން ކޯޓުގެ ހުރުމަތް ކަނޑާފައިވާކަމަށް ކަނޑައަޅައިދިނުމަށް އެ މައްސަލައިގައި އެދިފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުގެ އިތުރުން ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އަދި ރައީސް މުޙައްމަދު މުޢިއްޒު ވެސް ކޯޓުގެ އަމުރާ ޚިލާފުވެފައިވާކަމަށް ހުށަހެޅި ލިޔެކިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.
މި މަހުގެ 11 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރުގައި ވަނީ، "އާއިޝާ" ޑޮކިއުމެންޓަރީ މުޖުތަމަޢުގައި ދައުރުކުރުމާއި، އޭގައި ހިމެނޭ ވާހަކަތައް ސީދާކޮށް ނުވަތަ ނުސީދާކޮށް އެއްވެސް ފަރާތަކުން ދެއްކުން މުޅިން މަނާކޮށްފައެވެ. އަދި އެ މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަކަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުންވެސް އެ އަމުރުން އޮތީ މަނާކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރާ ޚިލާފުވިކަމަށް ކަނޑައަޅައި، މިދިޔަ ހަފުތާގެ ތެރޭގައި 'އަދަދު' ނޫހުގެ ނޫސްވެރިޔަކު ވަނީ ޖަލަށްވެސް ލާފައެވެ.
ކޮމެންޓު ފޮނުވާ