ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އިންނަވާ ޔޫސުފް ވަހީދު މިއަދު އެ މަގާމުން ވަކިކޮށްފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ބޭފުޅުން އައްޔަންކޮށް ވަކިކުރުމުގެ ޒިންމާ އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ހއ. ވަށަފަރު ބޮޑުގެއަށް ނިސްބަތްވެވަޑައިގަންނަވާ ޔޫސުފް ވަހީދު އެ މަގާމުން ވަކިކުރި ވަކި ސަބަބެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެޗްޑީސީގެ ބޯޑުގައި ހިދުމަތް ކުރައްވަމުން ގެންދެވި ޔޫސުފް ވަހީދު އެ މަގާމުން ވަކިކުރި ނަމަވެސް، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ޗީފް އިންޓަނަލް އޮޑިޓަރުގެ މަގާމު އޭނާ އަދިވެސް ފުރުއްވަމުން ގެންދަވައެވެ.
ފައިނޭންސް އަދި އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޔޫސުފް ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަ އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް އާއި، ބެޗްލަ އޮފް ބިޒްނަސް މެނޭޖްމަންޓް އިން ފައިނޭންސް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާއަކީ ރާއްޖޭގެ އެކައުންޓިން ދާއިރާގައި ފާހަގަކޮށްލެވޭ، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ މެންބަރެއްވެސް މެއެވެ.
ކޮމެންޓު ފޮނުވާ