ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓައި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ދައުވާ އުފުލާފައިވާ 10 މީހުންގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
މާދަމާ ހެނދުނު 11:00 ގައި ފަށަން ތާވަލުކޮށްފައިވާ މި ޝަރީއަތުގައި ދައުވާ ލިބޭ މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެއެވެ. މި މައްސަލައަކީ ގަވާއިދާ ޚިލާފަށް އެތެރެކުރުމުން މިދިޔަ އަހަރުގެ އޭޕްރީލް 26 ގައި ކަސްޓަމްސްއިން ހިފަހައްޓައި، މޯލްޑިވްސް ޕޯޓްސްގެ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރެއް ފަޅާލައިގެން ސިނގިރޭޓުތައް ވަގަށް ނެގި މައްސަލައެކެވެ. ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ތުހުމަތުގައި އޮކްޓޫބަރު 15 ވަނަ ދުވަހުގެ ރޭ އާއްޓޭ އަދި ދިގަލި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ނަމަވެސް، މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ އެދުމުގެ މަތިން ކޯޓުން ވަނީ ޝަރުތުތަކަކާއެކު އެމީހުން ބަންދުން ދޫކޮށްލާފައެވެ. ޕީޖީން ބުނެފައިވަނީ އެ ދެމީހުންނާއި، އަދި ކޮންޓެއިނަރު ގެންދިޔަ ތިލަފުށީ ސައިޓާ ހަވާލުވެ ހުރި ހަސަން އަބްދުއްރަހްމާން ދޫކޮށްލަން ނިންމީ، ވައްކަން ކުރުމުގައި އެމީހުން އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އެމީހުންގެ މައްޗަށް މައިގަނޑު ގޮތެއްގައި ކުރެވެނީ ވައްކަން ކުރުމަށް ފަންޑުކޮށް، އެކަން ރޭވިކަމުގެ ތުހުމަތެވެ.
މި މައްސަލައިގައި ޖުމްލަ 10 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، އާއްޓޭއާއި ދިގަލި އަދި ހަސަން އަބްދުއްރަހްމާންގެ އިތުރުން ދެން ދައުވާ ލިބެނީ މުއާޒު އަލީ، ޒިވާރު އިސްމާއީލް، އަހުމަދު ޝަހީމް، އަހުމަދު ފިރުސާން، ހުސައިން ސާމިހު، އާދަމް ވަހީދު އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަލަމިން މިއާގެ މައްޗަށެވެ. މި އެންމެންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި، ވައްކަން ކުރުމަށް ރޭވުމުގެ އިތުރުން ވައްކަންކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.
ކޮމެންޓު ފޮނުވާ