ޓެރަރިޒަމްގެ ކުށް ސާބިތުވެ 23 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ހޫދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ފަސް ދައުވާގެ ތެރެއިން ތިން ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ، ހައްދުފަހަނަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކޮށް، ޓެރަރިޒަމަށް ހިތްވަރުދޭ ފަދަ ލިޔުންތަކާއި ފޮޓޯ އަދި ވީޑިއޯތައް އާންމުކުރުމުގެ ކުށެވެ.
ދިވެހި ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ހޫދަކީ އައިއެސް ޖަމާއަތުގެ އިސް އޮޕަރޭޓިވެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތައް ގުޅިގެން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކްރިމިނަލް ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ހޫދުގެ ފަރާތުން އެ މައްސަލަ މިހާރު ހައިކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ކޯޓަށް ބަލައިގަތުމާ މެދު ހައިކޯޓުން އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ