އަމާޒަކީ 2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރުން: މީކާއިލް

އަމާޒަކީ 2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރުން: މީކާއިލް

Author
އަހުމަދު
15 މެއި 2026 01:21
0

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިޚާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމްގެ ކެމްޕޭން މެނިފެސްޓޯ "އިތުބާރު" އިފްތިތާޙުކޮށްފިއެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމެވެ.

ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝިއަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އޭނާ މި މަޤާމަށް ކުރިމަތިލެއްވި މައިގަނޑު ސަބަބަކީ ޕާޓީއާމެދު ރައްޔިތުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދިނުން ކަމަށެވެ. ސިޔާސީ މައިދާނަކީ ހަޑިމުޑުދާރު ތަނެއްގެ ގޮތުގައި އޮންނަން ނުޖެހޭނެކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ރާއްޖެއަށް "އުޞޫލީ ސިޔާސަތުތަކެއް" ނުވަތަ ޕްރިންސިޕަލްޑް ޕޮލިޓިކްސް ތަޢާރަފުކޮށްދެއްވާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ގެނެސް، ޕާޓީގެ ތެރެއިން ވެރިކަން ހިންގުމުގެ ނިޒާމު އިޞްލާޙުކުރާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

މީގެ އިތުރުން، ސިޔާސީ މަންފާއަކަށްޓަކައި ނުފުއްދޭނެ ވަޢުދުތައް ނުވާނެކަމަށް މީކާއިލް ވިދާޅުވިއެވެ. އެމްޑީޕީއަށް ދަތިވި ކޮންމެ ދަނޑިވަޅެއްގައިވެސް މެންބަރުންނާއެކު ސާބިތުވެ ހުންނެވިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އެގޮތުގައި ހުންނަވާނެކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީއަކީ ސިޔާސީ ގޮތުން ބާރުވެރި ޕާޓީއަކަށް ހެދުމަށްޓަކައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީގެ އެތެރޭގައި އިންސާފުވެރި އަދި ހަމަހަމަ ޕްރައިމަރީއެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށާއި، އެފަދަ އިންސާފުވެރި މަގަކުން ކަންކަން ރާވައި ހިންގާނެ ޗެއަރޕާސަނަކު ހޮވުމަކީ ޕާޓީގެ މުސްތަޤުބަލަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައިވެސް މީކާއިލް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.