ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.
މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އެމްޑީޕީގެ ގާނޫނީ ޓީމުން މައުލޫމާތު ދިން ގޮތުގައި، ބަންދުގެ މުއްދަތު އިތުރުކުރި މީހުންގެ ތެރޭގައި ހިމެނޭ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް) ގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފައެވެ. އަދި ބަންދުކުރި އަނެއް ދެ މީހުންނަށް ކޯޓުން ދީފައިވަނީ ފަސް ދުވަހާއި ތިން ދުވަހުގެ މުއްދަތެކެވެ.
ރޭގެ މުޒާހަރާއިން ފިރިހެނުންނާއި އަންހެނުން ހިމެނޭހެން ގިނަ ބަޔަކު ހައްޔަރުކުރިއިރު، އޭގެ ތެރޭގައި އަލީ ޖުމާން، ޝުޖާއު އަފީފް، އަލީ މުޝައްފައު، އާމިނަތު މުނާ، އަހްމަދު ރަމީޒް، އާމިނާ މަނިކެ، އަބްދުﷲ ޝަރީފް، އަދި އަހުމަދު ޝަފީގް (މީމު ސައްޕެ) ހިމެނޭކަމަށް ގާނޫނީ ޓީމުން ބުނެފައިވެއެވެ. ފުލުހުން މި މީހުން ހައްޔަރުކޮށްފައިވަނީ، މުޒާހަރާ ކޮންޓްރޯލްކޮށް އަމަން ގާއިމުކުރުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތަށް ހުރަސްއަޅައި، ގާނޫނީ އަމުރަށް ނުކިޔަމަންތެރިވުމާ ގުޅިގެންނެވެ.
އެންމެ ފުރަތަމަ ސުލްހަވެރިކަމާއެކު ފެށި މި އިހުތިޖާޖު ފަހުން ވަނީ ވަރަށް ބޮޑަށް ހޫނުވެ ހަމަނުޖެހުމަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތައް ފަޅާލައި ކުރިމަތިލުންތަކެއް ހިންގާފައިވާއިރު، މި ހަމަނުޖެހުންތަކުގެ ތެރޭގައި އިސް ސަފުގައި ހަރަކާތްތެރިވި ފިރިހެން ފުލުހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފައިވާކަންވެސް ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ