ނޫސްވެރިކަމުގެ މިނިވަންކަން ދިފާޢުކުރުމަށް ކުރީގެ ތިން ރައީސުން އެއްގަލަކަށް

ނޫސްވެރިކަމުގެ މިނިވަންކަން ދިފާޢުކުރުމަށް ކުރީގެ ތިން ރައީސުން އެއްގަލަކަށް

Author
އަހުމަދު
14 މެއި 2026 05:00
0

ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށް، މިހާރުގެ ސަރުކާރުގެ އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

މިކަން މިގޮތަށް ހަމަޖެހިފައިމިވަނީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ލީޑަރުން އެކުގައި ނުކުތުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލެއްވުމާ ގުޅިގެންނެވެ. ފައްޔާޒުގެ މި ގޮވާލެއްވުމަށް ރައީސް ޔާމީން ވަނީ މަރުހަބާ ވިދާޅުވެ، އެހެން ރައީސުންނާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ތިން ބޭފުޅުން ގުޅިގެން ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަރަށް އަވަހަށް ހާއްސަ ބައްދަލުވުމެއް ބާއްވާނެއެވެ. ނަމަވެސް މިވަގުތު ރައީސް ސޯލިހު އިންޑިއާގައި ހުންނެވުމާއި، ރައީސް ނަޝީދު ކެމްޕެއިން ދަތުރުފުޅެއްގައި ލ. އަތޮޅުގައި އުޅުއްވާތީ، މި ބައްދަލުވުން ބާއްވާނީ އެ ދެބޭފުޅުން މާލެ ވަޑައިގަތުމުން ކަމަށް ބެލެވެއެވެ. ރައީސް ޔާމީން މިވަގުތު ހުންނެވީ މާލޭގައެވެ.

ކުރީގެ ރައީސުންތަކެއް އެކުވެވަޑައިގެން މިފަދަ މަސައްކަތްތަކެއް ފައްޓަވާފައިމިވަނީ، ރައީސް މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އިދާރާ ފާސްކޮށް، އިސްވެރިންނަށް ދައުވާކުރުމުގެ އިތުރުން، ކޯޓުގެ އަމުރާ ހިލާފުވިކަމަށް ބުނެ ސިއްރު އަޑުއެހުމަކަށްފަހު އެ ނޫހުގެ ދެ ނޫސްވެރިއަކު ވަނީ ޖަލަށްވެސް ލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.