ދިވެހިން ހިމެނޭހެން 93 ގައުމަކަށް ތައިލެންޑުން ދޭ ވިސާ-ފްރީ މުއްދަތު 30 ދުވަހަށް ކުޑަކުރަނީ

ދިވެހިން ހިމެނޭހެން 93 ގައުމަކަށް ތައިލެންޑުން ދޭ ވިސާ-ފްރީ މުއްދަތު 30 ދުވަހަށް ކުޑަކުރަނީ

Author
އަހުމަދު
14 މެއި 2026 08:16
0

ރާއްޖެ ހިމެނޭހެން ދުނިޔޭގެ 93 ގައުމެއްގެ ފަތުރުވެރިންނަށް ތައިލެންޑަށް ވިސާއާ ނުލައި އެތެރެވެވޭ މުއްދަތު 60 ދުވަހުން 30 ދުވަހަށް ކުޑަކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ތައިލެންޑުގެ ފޮރިން މިނިސްޓަރު ސިހަސަކް ޕުއަންކެޓްކާއޯ ވިދާޅުވި ގޮތުގައި މި ބަދަލު ގެންނަން ނިންމީ ވިސާގެ ނަހަމަ ބޭނުން ހިފާ މިންވަރު މަދުކޮށް، ކުށްކުރުން ހުއްޓުވުމުގެ ގޮތުންނެވެ. މި ގަވާއިދު ފާސްކުރުމަށްޓަކައި ވަރަށް އަވަހަށް ކެބިނެޓަށް ހުށަހެޅުމަށް ފޮރިން މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް މިއަށް އަމަލުކުރަން ފަށާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ފަތުރުވެރިކަން ކުރިއެރުވުމުގެ ބޭނުމުގައި 60 ދުވަހުގެ ވިސާ-ފްރީ އުސޫލަށް ތައިލެންޑުން އަމަލުކުރަން ފެށީ ޖުލައި 2024 ގަ އެވެ. އެހެންނަމަވެސް، މި ދިގު މުއްދަތުގެ ނާޖާއިޒު ފައިދާ ނަގައި ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގަމުންދާކަން ކަމާބެހޭ ފަރާތްތަކަށް ވަނީ ފާހަގަކުރެވިފަ އެވެ. މީގެ އިތުރުން، އެހެނިހެން ކެޓަގަރީތަކުގެ ވިސާތަކުގައި އެތެރެވާ މީހުން ވެސް އުޅެނީ ކަނޑައެޅިފައިވާ މަގްސަދުގައިތޯ ބެލުމަށްޓަކައި ކުރާ ޗެކްކުރުންތައް އިތުރަށް ހަރުދަނާކުރާނެ ކަމަށްވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ފަތުރުވެރިކަމަކީ ތައިލެންޑުގެ އިގްތިސާދުގެ އެންމެ މުހިންމު އެއް ތަނބެވެ. ކޮވިޑް-19 ގެ ކުރިން 2019 ވަނަ އަހަރު އެ ގައުމަށް 40 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ 12.4 މިލިއަން މީހުންނެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.43 އިންސައްތައިގެ ދަށްވުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.