ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ނޫސްވެރިޔާ އަހުމަދު އަޒާންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ، 'ދައުރު' ނޫހާއި އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށް ސިވިލް ކޯޓަށް ދައުވާކޮށްފިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓަށް ހުށަހެޅި މި މައްސަލަ އަކީ 'ދައުރު' ނޫހުގައި ޝާއިއުކޮށްފައިވާ "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމަކާ ގުޅިގެން އުފުލާފައިވާ ދައުވާއެކެވެ. މިކަން އަޒާން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި 'ދައުރު' ނޫހުންވެސް ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅާފައިވާކަން ހާމަކޮށްފައެވެ.
މި ދައުވާގައި އަޒާންގެ ފަރާތުން ކޯޓުގައި އެދިވަޑައިގެންފައިވަނީ އެ ލިޔުމަކީ އޭނާގެ އަބުރަށް ގެއްލުންދޭ ލިޔުމެއް ކަމަށް ކަނޑައަޅައި، އެ ލިޔުން ޑިލީޓް ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރުކޮށްދިނުމަށެވެ. އަދި ގެއްލުމުގެ މައުނަވީ ބަދަލެއްގެ ގޮތުން 5،000 ރުފިޔާ އާއި، ގާނޫނީ ހަރަދުގެ ގޮތުގައި ހިނގި 28،670 ރުފިޔާގެ އިތުރުން މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށްވެސް އެދިފައިވެއެވެ. މީގެ އިތުރުން، މައްސަލަ ބަލައި ނިމެންދެން އެ ލިޔުން އާންމުންނަށް ނުފެންނާނެހެން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކުރުމުގެ ވަގުތީ އަމުރަކަށްވެސް ވަނީ އެދިފައެވެ.
ނޫސްވެރިކަމާ ގުޅޭ މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ގެނެސްދިން ކޮންޓެންޓަކާ ގުޅިގެން 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދާދި ފަހުން ވަނީ ޖިނާއީ ދައުވާ އުފުލާފައެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެކަމާ ގުޅޭ ހަބަރު ގެނެސްދީ ރައީސްއާ ސުވާލުކުރި މައްސަލައިގައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިއެއްގެ މައްޗަށް އިއްޔެ ވަނީ ޖަލު ހުކުމެއްވެސް އިއްވާފައެވެ.
ކޮމެންޓު ފޮނުވާ