އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށްލި މައްސަލަ ޓްރާންސްޕޭރެންސީން ކުށްވެރިކޮށްފި

އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށްލި މައްސަލަ ޓްރާންސްޕޭރެންސީން ކުށްވެރިކޮށްފި

Author
އަހުމަދު
12 މެއި 2026 11:48
0

ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލުމާ ގުޅިގެން، އެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި ޖަލަށް ލާފައިވަނީ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރެވެ. މީގެ ތެރެއިން ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާއެއް ކަމަށާއި، މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މި ދެ ނޫސްވެރިންނަށް ފިޔަވަޅު އަޅާފައިވަނީ އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކޯޓުން މުޅި ރާއްޖެއަށް ނެރެފައިވާ "ގޭގް އޯޑަރ" އާ ހިލާފުވި ކަމަށް ބުނެއެވެ. ލީވާން ކޯޓަށް ހާޒިރުކުރީ އަމުރާ ގުޅޭގޮތުން ހަބަރެއް ލިޔުމުންނެވެ. އަދި ޝަހުޒާން ހާޒިރުކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ކޯޓު އަމުރާ ހިލާފަށް ސުވާލުކުރި ކަމަށް ބުނާ މައްސަލައެއްގައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ، މައްސަލައާމެދު ވަކި ގޮތެއް ނިމެންދެން 'އައިޝާ' ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި، އޭގައިވާ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ނުދެއްކުމަށް އަންގާފައެވެ. އޭގެ އިތުރުން، މައްސަލައިގެ ހަސްމުންނާއި ޝިކާރައަކަށްވި ފަރާތްތަކުގެ ވާހަކަ ނުދެއްކުމަށާއި، މިއީ ސިއްރުން ކުރިއަށްދާ ޝަރީއަތަކަށް ވާތީ މައްސަލައިގެ ލިޔެކިޔުންތަކާއި ޝަރީއަތުގެ ވާހަކަތައް އާންމު ނުކުރުމަށްވެސް ވަނީ އަންގާފައެވެ. މިކަންކަމާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެކަމަށް އެ އަމުރުގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.