ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި، ނަރުހުންގެ ބުރަ މަސައްކަތުގެ އަގު މި ސަރުކާރުން ވަޒަންކުރާނެ ކަމަށާއި، އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' މެދުވެރިކޮށް ރައީސް ދެއްވި ޚާއްސަ މެސެޖުގައި ވިދާޅުވީ، ނަރުހުންގެ އަޑުއަހައި، އެ ކަނބަލުންނާއި ބޭކަލުންނަށް ފައިދާހުރި ކަންކަން ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އެގޮތުން މަސައްކަތުގެ މާހައުލު ރަނގަޅުކޮށް، ލިބޭ އިނާޔަތްތައް އިތުރުކުރުމުގެ އިތުރުން، ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ނަރުހުންގެ ދުޅަހެޔޮކަމާއި ފަންނީ ކުރިއެރުން ކަށަވަރުކުރުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ސިއްހީ ނިޒާމުގެ އެންމެ މުހިންމު އެއް ތަނބަކީ ނަރުހުންކަން ފާހަގަކުރައްވަމުން، ރައީސް ވަނީ ބަލިމީހުންނަށް ފަރުވާދިނުމުގައާއި މުޖުތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ނަރުހުން އަދާކުރާ މުހިންމު ދައުރަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔެއަށް ކުރިމަތިވަމުންދާ ސިއްހީ އާ ގޮންޖެހުންތަކާއެކު، ނަރުހުންގެ ޚިދުމަތުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެފައިވާކަންވެސް އެމަނިކުފާނުގެ މެސެޖުގައި އަލިއަޅުވާލެއްވިއެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް ސިއްހީ ދާއިރާއަށް ބޮޑު އިސްކަމެއް ދީފައިވާއިރު، ސަރުކާރުގެ އަމާޒަކީ ނަރުހުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމެވެ. ކޮންމެ އަހަރެއްގެ މެއި މަހުގެ 12 ވަނަ ދުވަސް ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޒަމާނީ ނާސިންގެ ބާނީ ފްލޮރެންސް ނައިޓިންގޭލް އުފަންވި ދުވަހާ ގުޅުވައިގެންނެވެ. މި ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަން ފަށާފައިވަނީ 1965 ވަނަ އަހަރުން ފެށިގެންނެވެ.
ކޮމެންޓު ފޮނުވާ