ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މަސައްކަތް ފެށޭނެ ސީދާ ތާރީޚެއް މިވަގުތު ދަންނަވަން ދަތިވި ނަމަވެސް، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގައިވެސް މި ޕްރޮޖެކްޓްތައް ކުރިއަށްދާނެ ކަމަށެވެ. މިއީ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް މި ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ކަށަވަރުކޮށްދީ، ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ވަސީލަތްތައް އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
މި ބޮޑު މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުންނެވެ. މީގެ ކުރިން މާލޭގެ ކުޅިވަރު އެކުވެނީގައި ޤާއިމުކުރި ސިންތެޓިކް ދުވާ ޓްރެކަކީވެސް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކޮށްފައިވާ ތަނެއްކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޓްރެކްތައް އެޅުމަކީ ސަރުކާރުގެ ކުޅިވަރު ތަރައްޤީކުރުމުގެ ތަޞައްވުރާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ