މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޅ. ނައިފަރުން 43 އަހަރުގެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ގުލިސްތާނުގެ، ޢާއިޝަތު ރިޒްނާއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މެއި މަހުގެ 10 ވަނަ ދުވަހު ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ.
މިގޮތުން އެ އެޕާޓްމަންޓް ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތެއް އަޅާފައިވާ 53 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރިޒްނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ