ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހުންނަ ފުލުހުންގެ ޗެކްޕޮއިންޓަކަށް ހަނގުރާމަވެރިން ދިން ވަރުގަދަ ހަމަލާއެއްގައި 15 ފުލުހުން މަރުވެއްޖެއެވެ.
ބަންނޫގެ ފާތިހް ޚޭލް ސަރަހައްދުގައި ރޭ ހިނގި މި ހާދިސާ ފެށިފައިވަނީ، ގޮވާތަކެތި ހަރުކޮށްފައިވާ ކާރެއް ޗެކްޕޮއިންޓަށް ވައްދައި ގޮއްވާލުމަށް ފަހުގައެވެ. އެއަށްފަހު ސަތޭކައަށްވުރެ ގިނަ ހަނގުރާމަވެރިން ވަނީ ބޮޑެތި ހަތިޔާރާއި ކުއަޑްކޮޕްޓަރު ފަދަ ތަކެތި ބޭނުންކޮށްގެން ފުލުހުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައެވެ. މި ހާދިސާގައި އިތުރު ތިން މީހަކު ޒަހަމްވެފައިވާ ކަމަށް ކަމާބެހޭ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ބަންނޫގެ އިސް އޮފިޝަލުން މައުލޫމާތު ދެއްވާ ގޮތުގައި، ހަމަލާދިން މީހުން ފަހަތަށް ޖެހުނު ވަގުތު ވަނީ ފުލުހުންގެ އަތުންނާއި ސްޓޭޝަނުން ގިނަ އަދަދެއްގެ ހަތިޔާރުތައްވެސް ފޭރިގަނެގެން ގެންގޮސްފައެވެ. ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގައި ދިން މި ހަމަލާއަކީ ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ހިނގި ކަމެކެވެ. ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދަކީ މިފަދަ ހަނގުރާމަވެރިންނަށް ރައްކާތެރިކަންދޭ ހާއްޔެކެވެ. ނަމަވެސް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން އަންނަނީ މި ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ