ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއަކާ ގުޅިގެން އެ ނޫހުގެ އިސް ދެ ނޫސްވެރިއެއްގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާ އަނބުރާ ގެންދިއުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ގޮވާލައިފި އެވެ.
އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރުމަށާއި، އެއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަންގައި 'ގެގް އޯޑަރެއް' ވެސް ނެރެފަ އެވެ. އަދި މިއީ ސިއްރުން ކުރިއަށް ގެންދާ ޝަރީއަތަކަށް ވާތީ، މައްސަލައިގެ ލިޔެކިޔުންތަކާއި ޝަރީއަތާ ގުޅޭ އެއްވެސް މައުލޫމާތެއް ފެތުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
މިކަން ކުށްވެރިކޮށް އެމްޖޭއޭ އިން އިނގިރޭސި އަދި ދިވެހި ބަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިން އުފައްދާ ކޮންޓެންޓަކާ ގުޅިގެން ޖިނާއީ ތަހުގީގު ހިންގައި ދައުވާ އުފުލުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނޫސްވެރިންނަށް ބިރުދައްކައި ފަހަތަށް ޖެއްސުމަށް ހިންގާ އަމަލެއް ކަމަށް އެ ޖަމިއްޔާއިން ސިފަކޮށްފައިވެ އެވެ.
މީގެ އިތުރުން މުޅި މައްސަލައަށް ވާހަކަ ދެއްކުން މަނާކުރެވޭ ގޮތަށް އަމުރު ނެރުމާއި ނޫސްވެރިންގެ މައްޗަށް ހިންގާ ހައްސާސީ ޝަރީއަތެއް ސިއްރުކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމުގެ ހައްގު ނިގުޅައިގަތުން ކަމަށް އެމްޖޭއޭގެ ބަޔާނުގައިވެ އެވެ. އަދި މިއީ ހުދުމުހުތާރު ވެރިކަމުގެ ސިފަތައް ރާއްޖެއަށް އެނބުރި އައުން ކަމަށް ގަބޫލުކުރަންޖެހޭ ކަމަށާއި، މިއީ ބިރުވެރި ސަގާފަތެއްގެ ފެށުން ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި މައްސަލައިގައި ފިޔާޒާއި ހަސަންގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފް ވެސް ފުލުހަށް ހާޒިރުކޮށްފައިވާއިރު، އެ ތިން މީހުންގެ ޕާސްޕޯޓް ވެސް މިހާރު ވަނީ ހިފަހައްޓާފަ އެވެ. އީޝާގެ މައްޗަށް ވެސް ފުލުހުން ގަޒުފުގެ ތުހުމަތު ކުރި ނަމަވެސް އަދި ދައުވާއެއް ނުކުރެ އެވެ. އެމްޖޭއޭ އިން ވަނީ ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫއަވެ، ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާމިނުގައި ކަށަވަރުކޮށްދިނުމަށް ރައީސަށާއި ދައުލަތުގެ ބާރުތަކަށް ގޮވާލާފަ އެވެ.
ކޮމެންޓު ފޮނުވާ