"އަދަދު" ޑޮކިއުމެންޓްރީގެ ކޯޓު އަމުރަށް ބޯލެނބުމަށް އީސީން ސިޔާސީ ޕާޓީތަކަށް އަންގައިފި

"އަދަދު" ޑޮކިއުމެންޓްރީގެ ކޯޓު އަމުރަށް ބޯލެނބުމަށް އީސީން ސިޔާސީ ޕާޓީތަކަށް އަންގައިފި

Author
އަހުމަދު
11 މެއި 2026 09:29
0

"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ވާހަކަނުދެއްކުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ތަބާވެ، އެ އަމުރުގެ ހުދޫދުގެ ތެރެއިން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އަންގައިފިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި މި އަމުރުގައި ވަނީ، ސީދާކޮށް ވިޔަސް އަދި ނުސީދާކޮށް ވިޔަސް އެ ޑޮކިއުމެންޓްރީގެ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި، މުޖުތަމައުގެ ތެރޭގައި އެ ވީޑިއޯ ދައުރު ނުކުރުމަށް އެންމެހާ ފަރާތްތަކަށް އަންގާފައެވެ. މީގެ އިތުރުން، އެ މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަކަށްވި ފަރާތުގެ ވާހަކަ ނުދެއްކުމަށް އަންގާފައިވާއިރު، މި އަމުރާ ހިލާފުވެއްޖެނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެކަން ވެސް ވަނީ ބަޔާންކޮށްފައެވެ.

ދައުލަތުގެ އެދުމުގެ މަތިން ކޯޓުން މިފަދަ އަމުރެއް ނެރެދީފައިވަނީ "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާ އާ ގުޅިގެންނެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގަޒުފަކީ އިސްލާމީ ޝަރީއަތުގައި ބޮޑު ފާފައަކަށް ވާއިރު، އަބުރާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމަކީ މުހިންމު ކަމެކެވެ. އަދި ޝަރުއީ ކޯޓަކުން ކުށެއް ސާބިތުނުވާހާ ހިނދަކު އެއްވެސް މީހަކީ ކުށްވެރިއެއް ކަމުގައި ނުބެލެވޭނެ ކަމަށާއި، ދައުވާ ލިބޭ ފަރާތާއި އަނިޔާ ލިބޭ ފަރާތުގެ ހައްގުތައް ވެސް ހަމަހަމަކޮށް ހިމާޔަތްކުރެވެން ޖެހޭނެކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގަށް ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކުރުމުން، އެ ދެ ބޭފުޅުން ވަނީ ހަނު ހުރުމުގެ ހައްގު އިހުތިޔާރު ކުރައްވާފައެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިންގެ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ދަށުން، އެއްވެސް ހާލަތެއްގައި މަސްދަރު ހާމަނުކުރައްވާނެ ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.