ޤައުމީ މަސްލަޙަތާއި ބޭރު ޤައުމުތަކާއެކު އޮންނަ ގުޅުންތަކަށް އަސަރުކުރާ ފަދަ މައްސަލަތަކުގައި ވާހަކަދައްކާއިރު ނުހަނު ބޮޑަށް ސަމާލުވެ، ޙިކުމަތްތެރިކަން އިސްކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިކަމަށް ގޮވާލާފައިވަނީ، އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅުވައިގެން ދައްކަވަމުންދާ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ޤައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، ޤައުމީ މަސްލަޙަތު އިސްކުރުމުގެ މައްޗަށް ބިނާވެފައިވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރާ، ޒިންމާދާރު އަދި މިނިވަން ސިޔާސަތެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.
މިނިވަން ދައުލަތެއްގެ ހައިސިއްޔަތުން ރާއްޖެއިން އަބަދުވެސް އިސްކަންދެނީ ތަރައްޤީގެ ބައިވެރިންނާއި އެހެނިހެން ޤައުމުތަކާއެކު އިޙްތިރާމާއި މަސްލަޙަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް ބޭއްވުމަށެވެ. މީގެ އިތުރުން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ޤައުމުތަކާއެކު އޮންނަ އެއްބާރުލުން ވަރުގަދަކުރާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ނަމަވެސް، ދައުލަތުގެ މަތީ މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުން ޚާރިޖީ ސިޔާސަތާއި ސަރަޙައްދީ ސަލާމަތާ ގުޅޭގޮތުން ފާޅުކުރައްވާ ޚިޔާލުތަކުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެކަމަށް މިނިސްޓްރީން ވަނީ އިންޒާރުދީފައެވެ. އެހެންކަމުން، ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަކީ ޙަޤީޤަތުގެ މައްޗަށް ބިނާވެފައިވާ، ޤައުމީ އެއްބައިވަންތަކަން ކުރިއަރުވައި މުއައްސަސާތަކަށް އޮންނަ އިތުބާރު ބޮޑުކުރާ ފަދަ ވާހަކަތަކަކަށް ހެދުމަށް ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގެ ކަރާމާތާއި މަސްލަޙަތު ރަމްޒުކޮށްދޭ ޚާރިޖީ ސިޔާސަތެއް ކުރިއެރުވުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަންވެސް ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ