ބަނޑޭރިކޮށި ހުސްކުރުމަށްފަހު ސިފައިންނަށް ޚާއްސަ ބޮޑު ހައުސިންގ މަޝްރޫޢެއް ފަށަނީ

ބަނޑޭރިކޮށި ހުސްކުރުމަށްފަހު ސިފައިންނަށް ޚާއްސަ ބޮޑު ހައުސިންގ މަޝްރޫޢެއް ފަށަނީ

Author
އަހުމަދު
10 މެއި 2026 06:21
0

މާލޭގައި ހުންނަ ބަނޑޭރިކޮށި ހުސްކުރުމަށްފަހު، އެ ބިމުގައި ދިވެހި ސިފައިންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެއް މިއަހަރު ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.

ސިފައިންގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަމަކީ ކޮންމެ ދިވެއްސަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއް ކަމަށެވެ. އަދި ޤައުމުގެ ދިފާޢުގައި މަސައްކަތްކުރާ ސިފައިންނަށް މި ޙައްޤު އެންމެ ފުރިހަމައަށް ލިބެންޖެހޭނެކަން ފާހަގަކުރައްވައި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ސިފައިންނަށް މިހާރު ކަނޑައަޅާފައިވާ ކޯޓާ ކުރިއަށް އޮތް ތަނުގައި އިތުރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. ބަނޑޭރިކޮށީގައި ފަށާ މި މަޝްރޫޢަކީ ސިފައިންނާއި އެބޭފުޅުންގެ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ގެނެސްދޭނެ ކަމެއްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ އިތުރުން، ސިފައިންގެ ވަޒީފާގެ ކުރިއެރުމާ ގުޅޭ މުހިންމު ނިންމެވުމެއްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، އެއް ރޭންކެއްގައި ވަކި މުއްދަތެއްވުމުން ވަޒީފާއިން ވަކިވާންޖެހޭ ގޮތަށް އޮންނަ ލިމިޓޭޝަން އުވާލައްވައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރާ ސިފައިންނަށް ވަޒީފާގައި ދެމިތިބެވޭނެ ގޮތަށް ޤަވާއިދު ބަދަލުކުރައްވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މި ޖަލްސާގައި ރައީސް ވަނީ ތަފާތު އެކި ރޮނގުތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ސިފައިންނަށާއި ޔުނިޓުތަކަށް މެޑެއްޔާއި ފިލާ ޙަވާލުކޮށްދެއްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ބ. ކިހާދޫގައި ޤާއިމުކުރި "ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް" ވެސް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. ސިފައިންގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން އިތުރުކުރުމަށް ހުޅުވި މި މަރުކަޒު އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި ސިފައިންގެ އިސް އޮފިސަރުންގެ އިތުރުން ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގަތެވެ. ދިވެހި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.