ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން މީހުންނަށް ވަޒީފާ ދިނުމާއި ޕްރޮމޯޝަން ދިނުމުގައި ހަމައެކަނި މެރިޓަށް ބެލުމަށާއި، އިއުލާނުކޮށްގެން ނޫނީ އެއްވެސް މީހަކު ވަޒީފާއަށް ނުނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
މިކަން އަންގަވާފައިވަނީ ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ހިމެނޭ ވަޓްސްއެޕް ގްރޫޕަކަށް ރައީސް މިއަދު ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި އެމަނިކުފާނު ވަނީ، ވަޒީފާއާއި މަގާމުގެ ކުރިއެރުމަކީ ވަކި މީހަކު ގާތު ބުނެގެން ހަމަޖެހޭ ކަމަކަށް ވެގެން ނުވާނެކަން ފާހަގަކުރައްވާފައެވެ. އަދި އިއުލާނުކުރުމެއް ނެތި މީހުން ވަޒީފާއަށް ނުނެގުމަށާއި، ކުރިމަތިލާ މީހުންގެ ތެރެއިންވެސް ވަޒީފާއާއި ޕްރޮމޯޝަން ދޭންވާނީ ތައުލީމާއި ތަޖުރިބާއަށް ބަލައި އެންމެ ގާބިލު މީހުންނަށް ކަމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް މިހާރު އަންގަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ސިޔާސީ ބޭނުމަކަށް ނުވަތަ ކެމްޕެއިނަކާ ގުޅިގެން ވަޒީފާ ބެހުމުގެ ސަގާފަތް ނިމުމަކަށް ގެންނަން ރައްޔިތުން ބޭނުންވާކަން ފަހުގެ އިންތިހާބުތަކުން ސާފުވެފައިވާކަމަށް މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، އިއުލާނުކޮށްގެން ސީވީއަށް ބަލައި މެރިޓް އުސޫލުން ނޫން ގޮތަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި ކުންފުންޏަކުންވެސް މުވައްޒަފުން ނެގުން މި ސަރުކާރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް މީހަކަށް ވަޒީފާ ދީފައިވާނަމަ، އެކަން ކުރި ފަރާތެއް ވަޒީފާއިން ވަކިކުރުމަށްވެސް ވަނީ އަންގަވާފައެވެ.
ސަރުކާރު ކުންފުނިތައް ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެތަންތަނުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް މިހާރު ވަނީ އަންގާފައެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވާ ގޮތުގައި ދައުލަތުގެ ކުންފުނިތަކުގައި މިހާރުވެސް 42،000 އެއްހާ މުވައްޒަފުން ތިބިކަމަށް އަންދާޒާކުރެވެއެވެ.
ކޮމެންޓު ފޮނުވާ