ޗައިނާ އަދި އިންޑިއާއަށް ވޯލްޑް ކަޕް ނުފެނިދާނެތީ ސަޕޯޓަރުންގެ ކަންބޮޑުވުން!

ޗައިނާ އަދި އިންޑިއާއަށް ވޯލްޑް ކަޕް ނުފެނިދާނެތީ ސަޕޯޓަރުންގެ ކަންބޮޑުވުން!

Author
އަހުމަދު
09 މެއި 2026 12:25
0

ޗައިނާ އަދި އިންޑިއާގެ އެތައް މިލިއަން ފުޓުބޯޅަ ސަޕޯޓަރުންނަށް ވޯލްޑް ކަޕް ފެންނާނެކަމާމެދު ސުވާލު އުފެދިއްޖެއެވެ. ސަބަބަކީ އެ ގައުމުތަކުގެ ބްރޯޑްކާސްޓަރުންނާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާތީއެވެ.

މިވަރުގެ ބޮޑު މުބާރާތެއް ފެށެން މަދު ހަފްތާތަކަކަށް ވެފައިވާއިރު، ޓީވީ ރައިޓްސްއާ މެދު އެއްބަސްވުމަކަށް ނާދެވި އޮތުމަކީ އާންމުކޮށް ހިނގާ ކަމެއް ނޫނެވެ. އާންމުގޮތެއްގައި މުބާރާތް ފެށުމުގެ އެތައް މަހެއް ނުވަތަ އަހަރުތަކެއް ކުރިން މިފަދަ އެއްބަސްވުންތައް ހެދެއެވެ. ދެ ގައުމުގެ ލޯކަލް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ފީފާ އަދި ބްރޯޑްކާސްޓަރުން އަދިވެސް ދަނީ މެޗުތައް ދެއްކުމުގެ އަގާމެދު ދެބަސްވަމުންނެވެ.

ފީފާއިން ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި ޗައިނާ އަދި އިންޑިއާގައި މަޝްވަރާތައް ދަނީ ކުރިއަށެވެ. އަދި މި ވަގުތު އެކަންކަން ސިއްރުކުރަން ޖެހޭކަމަށް ބުނެ، ފީފާއިން އަގުތަކާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ފީފާއިން ބުނެފައިވާ ގޮތުގައި މިހާރު 180 ގައުމަކާއެކު ވަނީ އެއްބަސްވުންތައް ނިންމާފައެވެ. ނަމަވެސް ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިއްސާކުރާ އިންޑިއާ އަދި ޗައިނާ ހިމެނޭގޮތަށް ބައެއް ގައުމުތަކަށް 2026 ގެ ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް އަދި ކަށަވަރެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ފީފާއިން ފުރަތަމަ ޗައިނާގެ ސްޓޭޓް ބްރޯޑްކާސްޓަރ ސެންޓްރަލް ޓެލެވިޜަން (ސީސީޓީވީ) އަށް ހުށަހެޅީ 300 މިލިއަން ޑޮލަރުގެ އަގެކެވެ. ނަމަވެސް ބެއިޖިންގް ޑެއިލީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު ފީފާއިން ވަނީ އެ އަގު 120 މިލިއަން އާއި 150 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ކުޑަކޮށްފައެވެ. އެހެންނަމަވެސް އެއީވެސް ސީސީޓީވީއިން މިކަމަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ.

ބެއިޖިންގް ޑެއިލީއިން ބުނާގޮތުގައި ޗައިނާ މި މުބާރާތަށް ކޮލިފައިވެފައި ނުވާތީ، އެ ގައުމުގެ ސަޕޯޓަރުންގެ މެދުގައި މުބާރާތަށް އޮންނަ ޝައުގުވެރިކަން ކުޑަވާނެއެވެ. އަދި އުތުރު އެމެރިކާ އާއި ޗައިނާގެ ގަޑީގެ ތަފާތު ހުންނަ ގޮތުން ގިނަ މެޗުތައް ކުޅޭނީ ޗައިނާ ގަޑިން ފަތިހުގެ ވަގުތުތަކުގައެވެ.

ކުރިން ބޭއްވި ވޯލްޑް ކަޕްތަކަށް ޗައިނާ އާއި ފީފާއާ ދެމެދު މާ ކުރިން އެއްބަސްވުންތައް ހަދާފައިވެއެވެ. އިންޑިއާގެ ބްރޯޑްކާސްޓަރަކާ އެކު އަދި އެއްބަސްވުމަކަށް އާދެވިފައި ނުވި ނަމަވެސް، ވަރަށް އަވަހަށް އެއްބަސްވުމެއް އިއުލާންކުރާނެ ކަމަށް ލޯކަލް މީޑިއާތަކުން މި ހަފްތާގައި ވަނީ ރިޕޯޓުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.