ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް، މަސްތުވާތަކެތި ބޭނުންކުރަން ހާއްސަކޮށްފައިވާ "ޑްރަގު ކެފޭ" އެއް ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބަންދުކުރަން އަމުރުކޮށްފައިވަނީ ކ. މާލޭގައި ހުންނަ ހ. ގުންޒަރެވެ. މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަކަށް އެތަން ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަންގާފައެވެ.
މި އަމުރަކީ މިދިޔަ މާޗު މަހުގެ ހަތްވަނަ ދުވަހު މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ނެރުނު އަމުރެކެވެ. އެ އިސްލާހުގެ ދަށުން، މިފަދަ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވާއިރު، ގިނަވެގެން ތިން މަސްދުވަހަށް ބަންދުކުރުމުގެ އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ވަނީ ދީފައެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދިނުމަކީ 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވި، ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ބޮޑު ކުށެކެވެ. އަދި އެފަދަ ކަމެއް ހިނގާކަން އެނގިހުރެ އެކަމަށް މަގުފަހިކޮށްދޭ އިމާރާތުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތްތަކަށްވެސް ހަރުކަށި އަދަބުތައް ލިބޭނެކަމަށް ފުލުހުން ބުނެއެވެ.
ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ މިފަދަ ތަންތަނަށް ހުއްދަނެތި ވަނުމާއި ގެއްލުން ދިނުމަކީ ކުށެއްކަން ފާހަގަކޮށް، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ