ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން ދެކުނުގެ ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި، އިރުދެކުނުގައި އުފެދިފައިވާ މި ކޮޅިގަނޑުގެ އިތުރުން ރާއްޖޭގެ އިރުއުތުރުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފްގެ ސަބަބުން މި ސަރަހައްދުގައި ދަނީ ގިނަ އަދަދަކަށް ބޯ ވިއްސާރަ ވިލާތައް އުފެދެމުންނެވެ. މީގެ ސަބަބުން، ކުރިއަށް އޮތް ފަސް ދުވަހު، ހާއްސަކޮށް ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވައިގަދަވެ، ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވަޔާއެކު ކަނޑުތައްވެސް އާދަޔާ ހިލާފަށް ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް މެޓުން ވަނީ އެދިފައެވެ. މީގެ އިތުރުން، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑުވެފައިވާއިރު، ހުޅަނގު މޫސުން ފެށުމާއެކު އެކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ