ފައިސާ ހޯދުމުގެ ބޭނުމުގައި އެހެން ފަރާތްތަކަށް ބޭންކް އެކައުންޓް ކުއްޔަށް ދިނުމަކީ ޖިނާއީ ދައުވާ އުފުލިދާނެ ކަމެއްކަމަށް ބުނެ، ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް ވަރަށް ބޮޑަށް ސަމާލުވުމަށް ގޮވާލައިފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، ފަސޭހައިން ފައިސާ ލިބޭނެކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކައުންޓްތައް ކުއްޔަށް ހޯދުމަށް ކުރާ އިޝްތިހާރުތައް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ މަކަރާއި ހީލަތުން ފައިސާ ހޯދުމާއި، މަނީ ލޯންޑަރިން ފަދަ ބޮޑެތި ޖިނާއީ ކުށްތަކަށް މަގުފަހިވާ ކަމެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ކަންކަމުގައި ބައިވެރިވުމުގެ ސަބަބުން، މާލީ އިދާރާތަކުން ދޭ ބޭންކިން ޚިދުމަތްތަކުން އެއްކޮށް މަހުރޫމުވުމުގެ ބިރުވެސް އެބައޮތެވެ.
އެ މީހެއްގެ އެކައުންޓް މެދުވެރިކޮށް ހިންގާ ކޮންމެ މުއާމަލާތެއްގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ސީދާ އެކައުންޓުގެ ވެރިފަރާތުންނެވެ. އެހެންކަމުން، ބޭންކު އެކައުންޓް ކުއްޔަށް ދޭ މީހުންނާއި ކުއްޔަށް ނަގާ މީހުންނާމެދުވެސް މާލީ އިދާރާތަކާ ގުޅިގެން ހަރުކަށި ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. މީގެ އިތުރުން، މިފަދަ ކަންކަމަށް ހިތްވަރުދޭ އިޝްތިހާރުތަކާއި ޕޯސްޓުތައް ޝެއާ ނުކުރުމަށާއި، މިފަދަ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ