"އެމް.ވީ ހޮންޑިއަސް" ކްރޫޒް ޝިޕްގައި ހަންޓާވައިރަސް ފެތުރި، ބޯޓުން ފޭބި 30 ފަސިންޖަރަކު ހޯދަން ފަށައިފި

"އެމް.ވީ ހޮންޑިއަސް" ކްރޫޒް ޝިޕްގައި ހަންޓާވައިރަސް ފެތުރި، ބޯޓުން ފޭބި 30 ފަސިންޖަރަކު ހޯދަން ފަށައިފި

Author
އަހުމަދު
08 މެއި 2026 06:57
0

ނުރައްކާތެރި ހަންޓާވައިރަސް ފެތުރެމުންދާކަން އެނގުމުގެ ކުރިން "އެމް.ވީ ހޮންޑިއަސް" ކްރޫޒް ޝިޕުން ފޭބި 30 ފަސިންޖަރަކު ހޯދުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުގެ ސިއްހީ އިދާރާތަކުން ފަށައިފިއެވެ.

'އޯޝަންވައިޑް އެކްސްޕެޑިޝަންސް' އިން އޮޕަރޭޓްކުރާ މި ބޯޓުން އެ މީހުން ފައިބާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ސެއިންޓް ހެލީނާއަށެވެ. އެއީ ބޯޓުން ދަތުރުކުރި މީހަކު މި ބަލީގައި މަރުވިތާ ގާތްގަނޑަކަށް ދެ ހަފުތާ ފަހުންނެވެ. 12 ގައުމަކަށް ނިސްބަތްވާ މި ފަސިންޖަރުންގެ ތެރޭގައި އެމެރިކާގެ 6 މީހަކުވެސް ހިމެނޭއިރު، އެމެރިކާގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ އެ މީހުން ގާތުން މޮނިޓަރ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައެއް ނުވެއެވެ.

ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން މައުލޫމާތު ދޭގޮތުގައި، އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުންދިޔަ މި ބޯޓުގައި ބަލި ފެތުރި ނެދަލޭންޑްސްގެ ތިން މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ފުރަތަމަ ބަލިވި އުމުރުން 70 އަހަރުގެ ފިރިހެނަކާއި އޭނާގެ އަންހެނުން ހިމެނެއެވެ. މީގެ އިތުރުން، ބޯޓުގެ ފަސިންޖަރަކާ ބައްދަލުވި ފްލައިޓް އެޓެންޑަންޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން ނެދަލޭންޑްސްގެ ހޮސްޕިޓަލެއްގައި މިހާރު ދަނީ ފަރުވާދެމުންނެވެ. އޭނާގެ ޓެސްޓުތައް ޕޮޒިޓިވްވެއްޖެނަމަ، އެއީ ބޯޓުން ބޭރުން މި ބަލި ޖެހޭ ފުރަތަމަ މީހާއަށް ވާނެއެވެ.

މިހާތަނަށް އެކަކަށް ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، އިތުރު 5 މީހަކަށް ބަލި ޖެހިފައިވާކަމަށް ވަނީ ޝައްކުކުރެވިފައެވެ. މި ބަލީގެ ނުރައްކާ ބޮޑުވި ނަމަވެސް، އެމެރިކާގެ ސީ.ޑީ.ސީ އިން ބުނެފައިވަނީ އާންމުންނަށް މިކަމުގެ ސަބަބުން އޮތް ނުރައްކާ ވަރަށް ކުޑަ ކަމަށެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ބަލި އިތުރަށް ފެތުރުނަނުދީ ހުއްޓުވުމަށްޓަކައި، ބޯޓުން ފޭބި މީހުންނާއި އެމީހުންނާ ބައްދަލުވި މީހުން ހޯދައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.