ފަވަރަ މެދުވެރިކޮށް ކުރި މުއާމަލާތްތައް 123 ޕަސެންޓް އިތުރުވެ، 51 ބިލިއަން ރުފިޔާއަށް އަރައިފި

ފަވަރަ މެދުވެރިކޮށް ކުރި މުއާމަލާތްތައް 123 ޕަސެންޓް އިތުރުވެ، 51 ބިލިއަން ރުފިޔާއަށް އަރައިފި

Author
އަހުމަދު
08 މެއި 2026 10:40
0

މިދިޔަ އަހަރުގެ ތެރޭގައި 'ފަވަރަ' ނިޒާމު މެދުވެރިކޮށް 51 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުން ހާމަވެއްޖެއެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، މިދިޔަ އަހަރު ފަވަރަ މެދުވެރިކޮށް 17 މިލިއަނަށްވުރެ ގިނަ ޓްރާންސެކްޝަން ވަނީ ހިންގާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 123 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު މި ނިޒާމު މެދުވެރިކޮށް ކޮށްފައިވަނީ 24 ބިލިއަން ރުފިޔާގެ 7.8 މިލިއަން މުއާމަލާތެވެ.

އެއް ބޭންކުން އަނެއް ބޭންކަށް ފަސޭހަކަމާއެކު ވަގުތުން ފައިސާ ފޮނުވޭ ގޮތަށް 2023 ވަނަ އަހަރުގެ އޮގަސްޓު މަހު ތައާރަފުކުރި ފަވަރަ ނިޒާމުގެ ބޭނުންކުރާ މިންވަރު އިތުރުކޮށް، ޑިޖިޓަލް މުއާމަލާތްތައް ފުޅާކުރުމަށް އެމްއެމްއޭއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން، އިންޑިއާގެ ޔުނިފައިޑް ޕޭމެންޓް އިންޓަފޭސް (ޔޫޕީއައި) އާއި ފަވަރަ ގުޅާލައިގެން ދެ ގައުމުގެ ބޭންކުތައް މެދުވެރިކޮށް ފަސޭހައިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކުރުމަށް، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމެންޓް ލިމިޑެޓާއެކު އެމްއެމްއޭއިން މިހާރު ވަނީ ހާއްސަ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.