މިހާރު ޢަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ވިދިވިދިގެން ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާ ފުރަތަމަ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކަކަށްފަހު ޕީއެންސީގެ ޕޯޑިއަމަކުން ފެނިވަޑައިގެން ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، އއ. ހިމަންދޫ ކައުންސިލްގެ ގޮނޑި އެ ޕާޓީން ކާމިޔާބުކުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައެވެ. އޭނާ ވިދާޅުވީ ޕީއެންސީގެ މެންބަރުން މިވަގުތު މާޔޫސްނުވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒާއެކު ކާމިޔާބުކުރުމަށް އަތުކުރި އޮޅާލަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި އެ އިންތިޚާބު ބޮޑު ތަފާތަކުން ރައީސް ކާމިޔާބުކުރައްވާނީ ރައްޔިތުންގެ ފުރިހަމަ ލޯތްބާއި ތާއީދާއެކު ކަމަށްވެސް ވިދާޅުވިއެވެ.
މަގުމަތީގައާއި އެކި ކަންކަންމަތީގައި މީހުން ދައްކާ ވާހަކަތަކަށް ހެއްލި، އެކަމަށް ރައްދުދިނުމުގެ ބަދަލުގައި ޢަމަލާއި ބަހުން ނަތީޖާ ނެރެދިނުމަށް ޢަބްދުއްރަޙީމް ވަނީ ޕާޓީގެ މެންބަރުންނަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ނުސީދާކޮށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ޕީއެންއެފްއަށް ފާޑުވިދާޅުވަމުން، އެއީ ރައްޔިތުންނަށް ހެޔޮއެދިގެން އުޅޭ ބައެއް ނޫންކަމަށާއި އުޅެނީ އަމިއްލަ އެދުމައިގެންކަމަށް ތުހުމަތުކުރެއްވިއެވެ.
ޕީއެންސީއަކީ ވޯޓުން ބަލިވުމުން ކޯޓުތައް މެދުވެރިކޮށް ނަތީޖާ ނެރެން އުޅޭނެ ބައެއް ނޫންކަމަށާއި، އެ ޕާޓީން އަބަދުވެސް ރައްޔިތުންގެ ނިންމުންތަކަށް އިޙުތިރާމުކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިއަށްދާނެކަމަށް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. ރައީސް މުޢިއްޒާއި ޢަބްދުއްރަޙީމާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުޅޭކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައި، މިއީ ގިނަ ދުވަސްތަކަކަށްފަހު އޭނާ ސަރުކާރު ހިންގާ ޕާޓީގެ ޕޯޑިއަމެއްގައި ވާހަކަފުޅުދެއްކެވި ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ