އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން އާންމު މެންބަރުންނަށް ހާއްސަ މެސެޖެއް ފޮނުއްވައި، ޕާޓީ ބައިބައިވުމުގެ ބިރު އޮތްކަމުގެ އިންޒާރު ދެއްވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އާންމު މެންބަރުންނަށް ފޮނުއްވަމުންދާ ސިޓީއެއްގައި މީކާއިލް ވިދާޅުވީ، ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރައްވާ ބޭފުޅަކު ޗެއާޕާސަންކަމަށް އިންތިހާބުވެއްޖެނަމަ، ޕާޓީގެ ތެރޭގައި އަނެއްކާވެސް ބައިބައިވުން އުފެދި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ. މީކާއިލްގެ މި ފާޑުކިޔުންތައް އަމާޒުކުރައްވާފައިވަނީ އޭނާއާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. ނަޝީދު ވަނީ 2028 ވަނަ އަހަރުގެ އިންތިހާބަށް ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނެރުމަށް ތާއީދުކުރައްވައި، އެ ދެބޭފުޅުން ގުޅިވަޑައިގެން "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕޭނެއް ފައްޓަވާފައެވެ.
ފަހުގެ އިންތިހާބުތަކުގެ ނަތީޖާއިން މެންބަރުން މާޔޫސްވެފައިވާކަން ފާހަގަކުރައްވަމުން، ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުންނާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި ޕާޓީގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރުމާއި ފެކްޝަންތަކުގެ ކޯޅުންތަކުގެ ސަބަބުން ޕާޓީގެ ފޯރިއަށް ނޭދެވޭ އަސަރުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ޕާޓީ އެކަތިގަނޑަކަށް ވެއްޖެނަމަ ބޮޑެތި ކާމިޔާބީތައް ހޯދޭނެކަން ފާހަގަކުރައްވައި، މީކާއިލް ވައުދުވެވަޑައިގަތީ އޭނާ ޗެއާޕާސަން ކަމަށް ހޮވިއްޖެނަމަ ޕާޓީގެ ސަފުތައް ބަދަހިކޮށް، އެއްބައިވަންތަކަން އާލާކުރުމުގެ މަސައްކަތް ވަގުތުން ފައްޓަވާނެ ކަމަށެވެ. އަދި މެންބަރުންގެ އިތުބާރާއެކު 2028 ގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ