ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދޫކުރި ބޭރު ފައިސާގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރުވެފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބީއެމްއެލްގެ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރު ކުދި ވިޔަފާރިތަކުގެ ޓީޓީތަކަށް މަހެއްގެ މައްޗަށް ދޫކޮށްފައިވަނީ ގާތްގަނޑަކަށް 15 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް، މިއަހަރުގެ މިހާތަނަށް އައިއިރު އެ އަދަދު މަހެއްގެ މައްޗަށް 34 މިލިއަން ޑޮލަރަށް އަރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ ކުރިއާ އަޅާބަލާއިރު ޑަބަލްއަށްވުރެ ވެސް ބޮޑު އިތުރުވުމެކެވެ.
މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސަޢީދު ވިދާޅުވީ، ޖެނުއަރީ މަހު އެކަނިވެސް 10،838 ޓީޓީ ވިޔަފާރިތަކުން ހަދާފައިވާ ކަމަށެވެ. އަދި ފެބްރުއަރީ މަހު 10،551 ޓީޓީ، މާޗު މަހު 10،600 ޓީޓީގެ އިތުރުން އޭޕްރީލް މަހު 8،955 ޓީޓީ ހަދާފައިވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ވިޔަފާރިތަކުން ޓީޓީ ހަދަން ބޭނުންވާ މިންވަރު ކިތަންމެ ބޮޑުވި ނަމަވެސް، ބީއެމްއެލްއަށް އެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދެވޭނީ ބޭންކުގައި ޑޮލަރު ހުރި މިންވަރަކުންނެވެ. މި ސަބަބަށްޓަކައި، ކުރިއަށް އޮތް ތަނުގައި ބޭންކުގެ ސިޔާސަތުތަކަށް ބައެއް ކަހަލަ ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ