ރައްޔިތުންނަށް ފެންވަރު ރަނގަޅު ޓެކްސީގެ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަމުން އަންނަކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ޓެކްސީ ކުރުމަކީ އަސާސީ ޚިދުމަތަކަށް ވާއިރު، އެކަން ރައްޔިތުން ބަލައިގަންނަ މިންގަނޑަކަށް ގެނައުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް ހުރިކަން ގަބޫލުކުރައްވައި، އޭނާ ވިދާޅުވީ ކޯލުތަކަށް ޖަވާބުދިނުމާއި، ގަޑިއަށް ފަރުވާތެރިވުމުގެ އިތުރުން ޑްރައިވަރުންނާއި ފަސިންޖަރުންގެ މުއާމަލާތްތައް މިހާރަށްވުރެ ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ މިކަމުގައި ރަނގަޅު މަގެއް ދެއްކުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޓީސީސީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، މިހާރު ކަސްޓަމަރަކު ގުޅާތާ އެވްރެޖްކޮށް 8.5 މިނެޓު ތެރޭގައި ކާރު ލިބޭކަމަށާއި، ކޮންމެ ދަތުރަކަށް އެވްރެޖްކޮށް ހޭދަވަނީ 12.2 މިނެޓު ކަމަށެވެ. އޭޕްރީލް މަހުގެ 13 އިން 18 އަށް އެމްޓީސީސީން 11،128 ދަތުރު ކޮށްފައިވާއިރު، މާލޭގައި ޓެކްސީ ބޭނުންކުރާ ނިސްބަތް 50 އިންސައްތަ އިތުރުވަމުން އަންނަކަން އޭނާ ހާމަކުރެއްވިއެވެ.
ޚިދުމަތް އަދި އޮތީ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގައި ކަމަށްވާތީ، ދުވާލެއްގެ މައްޗަށް އަންނަ ގިނަ ކޯލުތަކުގެ ތެރެއިން ހުރިހާ ކޯލަކަށް އެޓެންޑް ނުވެވިދާނެކަން ސައީދު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ރައްޔިތުން މި ޚިދުމަތް ބޭނުންކުރާ ނިސްބަތް ބޮޑުތަނުން އިތުރުވަމުން އަންނަ ކަމަށާއި، އެއާއެކު ޚިދުމަތުގެ ކޮލިޓީވެސް ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ޓެކްސީ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އަޑުއަހައި، އެ ފަރާތްތަކާ ގުޅިގެން މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމުގެ ޔަގީންކަންވެސް ސައީދު ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ