އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި "އޮޕަރޭޝަން އެޕިކް ރޭޖް" ރަސްމީކޮށް ނިންމާލައިފި

އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި "އޮޕަރޭޝަން އެޕިކް ރޭޖް" ރަސްމީކޮށް ނިންމާލައިފި

Author
އަހުމަދު
06 މެއި 2026 03:00
0

އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަން ކަމަށްވާ "އޮޕަރޭޝަން އެޕިކް ރޭޖް" ރަސްމީކޮށް ނިންމާލާފައިވާކަން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އިއުލާންކުރައްވައިފިއެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޫބިއޯ ވިދާޅުވީ، މި އޮޕަރޭޝަން ނިންމާލިކަން ކޮންގްރެސްއަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި މީގެ ފަހުން އެމެރިކާއިން އިސްވެ އީރާނަށް ހަމަލާއެއް ނުދޭނެ ކަމަށާއި، ދެން ހަމަލާއެއް ދޭނީ އީރާނުން އިސްވެ ހަމަލާއެއް ދީފިނަމަ ހަމައެކަނި އޭގެ ރައްދުގައި ދޭ ދިފާއީ ހަމަލާއެއްގެ ގޮތުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ކުއްލި ހަމަލާތަކެއް ދީ ފެށި މި ހަނގުރާމައިގެ މައިގަނޑު މަގުސަދަކީ އީރާނުގެ ވެރިކަން ބަދަލުކުރުމާއި، ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމެވެ. ނަމަވެސް 39 ދުވަހަށް ދެމިގެންދިޔަ މި ހަނގުރާމައިގައި ދެފަރާތުންވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކުރުމަށްފަހު، އެމެރިކާއަށް އެ ގައުމުގެ މަގުސަދުތައް ހާސިލުނުވަނީސް ވަނީ ވަގުތީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލާފައެވެ.

ހަމަލާތައް ހުއްޓާލުމަށްފަހު އެމެރިކާއިން އީރާނާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކާއި، އީރާނުގެ ބަނދަރުތައް ހިސާރުކޮށްގެން ކުރި މަސައްކަތްތައްވެސް ވަނީ ނާކާމިޔާބުވެފައެވެ. އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެޓް ހާމަކުރެއްވި ގޮތުގައި، ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް ފެށި "ޕްރޮޖެކްޓް ފްރީޑަމް" ގެ ދަށުން ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ މަނަވަރަކަށް އީރާނުން އިއްޔެ 10 މިސައިލް ފޮނުވާލާފައިވީ ނަމަވެސް، އެމެރިކާއިން އަލުން ހަނގުރާމައަކަށް ދާން ބޭނުމެއް ނުވެއެވެ. އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލި ނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަދިވެސް ދަމަހައްޓާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.