އީސީގެ އިންޒާރަށް ޕީއެންއެފްގެ ހޫނު ރައްދެއް: ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

އީސީގެ އިންޒާރަށް ޕީއެންއެފްގެ ހޫނު ރައްދެއް: ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

Author
އަހުމަދު
05 މެއި 2026 03:27
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ޕީއެންއެފުން ބާއްވަމުންދާ އެއްވުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނަށް އެ ޕާޓީން ވަރަށް ހޫނު ރައްދެއް ދީފިއެވެ.

ޕީއެންއެފުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އީސީގެ އަމަލުތަކަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފު އަދި ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ކަމަށެވެ. އަދި އެ ކޮމިޝަނުގެ ބަޔާނުގެ ސަބަބުން ޕާޓީގެ ނަން ކިލަނބުވަމުންދާ ކަމަށް ފާހަގަކޮށް، މިފަދަ ކަންކަން ތަކުރާރުކުރާނަމަ އީސީއާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރުވެސް އެ ޕާޓީން ވަނީ ދީފައެވެ.

އީސީން ކުރާ ތުހުމަތުތައް ދޮގުކުރަމުން ޕީއެންއެފުން ބުނީ، އެ ކޮމިޝަނުން ތުހުމަތުކުރާ ފަދަ ގާނޫނާ ޚިލާފު އެއްވެސް ސިޔާސީ ހަރަކާތެއް އެ ޕާޓީން ކުރިއަށް ނުގެންދާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން މުޒާހަރާކުރުމަށް އީސީގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށާއި، މާލޭގެ އާންމު ބިންތަކުގެ މައްޗަށް އީސީގެ އެއްވެސް ބާރެއް ނުވަތަ މެންޑޭޓެއް އޮންނާނެ ކަމަށް ގަބޫލުނުކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އީސީގެ ނިންމުންތަކަށް ގޮންޖަހައި، ގާނޫނީ އިމުގެ ތެރެއިން ޕާޓީގެ ހައްގުތައް ދިފާއުކުރަން ތެދުވާނެ ކަމަށް ޕީއެންއެފުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ އުފެދިފައިވަނީ، ޕީއެންއެފުން މަގުމަތީގައި ބާއްވަމުންދާ އެއްވުންތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން އާންމުންނަށާއި އެހެން ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސްއެޅޭގޮތަށް އަމަލުކުރަމުންދާ ކަމަށް ބުނެ އީސީން އިއްޔެ ނެރުނު ބަޔާނަކާ ގުޅިގެންނެވެ. އީސީން ފާހަގަކޮށްފައިވާ ގޮތުގައި، އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ ޕީއެންސީގެ މައި ޖަގަހަ ކައިރީގައި އަޑުގަދަކޮށް، އެހެން ޕާޓީތަކުގެ ބައްދަލުވުންތަކަށް ޕީއެންއެފުން ދަނީ ހުރަސްއަޅަމުންނެވެ. މިކަމާ ގުޅިގެން މަޝްވަރާކުރުމަށް އީސީއަށް ހާޒިރުވުމަށް އެންގުމުން ޕީއެންއެފުން އިޖާބަދީފައި ނުވާއިރު، މި އަމަލުތައް ތަކުރާރުކުރާނަމަ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން އޮތީ ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.