އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ގުޅޭ ނިންމުން ބާތިލް ކުރަން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެން، ޕާޓީގެ ދެ ފެކްޝަން ދެމެދު ކުރެވެމުންދާ ތުހުމަތުތައް ބޮޑުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާދަ ކުރައްވާ ޗެއާޕާސަން އިންތިހާބު ބާތިލް ކުރަން ކޯޓަށް ދިޔައީ އަބްދުﷲ ޝާއިރެވެ. ކުރިން ނަޝީދުގެ ގާނޫނީ ޓީމުގައި މަސައްކަތް ކުރެއްވި ޝާއިރު ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، ވޯޓުލުމުގެ ހައްގު ލިބޭ މެންބަރުން ކަނޑައެޅުމަށް ކުއްލި ސުންގަޑިއެއް ތައާރަފް ކުރުމަކީ ޕާޓީ ގަވާއިދާއި ގާނޫނުއަސާސީ އަދި ބައިނަލްއަގުވާމީ ހަމަތަކާ ފުށުއަރާ، ހަގީގީ ގާނޫނީ ހައިސިއްޔަތެއް ނެތް ނިންމުމެއް ކަމަށެވެ. ހަމަ އެ ހިސާބުން، ނަޝީދުގެ ކެމްޕެއިނަށް ގަސްދުގައި ހުރަސް އެޅުމުގެ ނިޔަތުގައި ނެރުުނު އިއުލާނެއް ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. ޝާއިރު ވަނީ، ޗެއާޕާސަން އިންތިހާބު ހިންގުމުގެ ޒިންމާ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަށް ދިނުމަށް ކަނޑައަޅައިދޭން ވެސް ކޯޓުގައި އެދިފަ އެވެ.
މި ހަރަކާތަށް ވަގުތުން ރައްދު ދެއްވައި، މީކާއިލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޕާޓީތެރޭގެ ކަންކަން ހައްލު ކުރަން ކޯޓުތަކަށް ދިޔުމަކީ ޕާޓީގެ މަސްލަހަތު ނަގާލުން ކަމަށެވެ. ޕާޓީގެ އަގަށް ހިޔަނި ނާޅައި ވޯޓުގެ ކަންކަން ނިންމަން ވެސް ނަޝީދު ފެކްޝަނަށް ގޮވާލެއްވި އެވެ.
ނަޝީދުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ، ޝާއިރު ކޯޓަށް ހުށަހެޅި މައްސަލައަކީ ނަޝީދުގެ ސީދާ ހުއްދަ ހޯދައިގެން ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި، އެ ގޮތަށް ދޭހަ ކުރެވޭ ބީދައިން ވާހަކަ ފެތުރުމަކީ ކުށްވެރި ކުރެވޭ ކަމެއް ކަމަށެވެ. ހަމަ ހިނދު، ޕާޓީ މެންބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ވީ އެންމެ އަވަހަށް ދިނުމަށް ނަޝީދުގެ ޓީމުން ވަނީ ގޮވާލާފަ އެވެ.
ޗެއާޕާސަން އިންތިހާބާ ގުޅިގެން ކުރިން ވެސް ހޫނު ވެފައިވާ ޕާޓީ ތެރޭގެ ވާދަވެރިކަން، ކޯޓު ހަނގުރާމައަކަށް ހިނގައިދާނެ ކަމުގެ ބިރާ ހަމައަށް ވަނީ ފޯރާފަ އެވެ.
ކޮމެންޓު ފޮނުވާ