ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަ ގަދަވާނެތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަ ގަދަވާނެތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

Author
އަހުމަދު
04 މެއި 2026 10:58
0

ރާއްޖޭގެ މޫސުން ގޯސްވެ، ކުރިއަށް އޮތް މަސްތަކުގައި އާދަޔާ ހިލާފަށް ވިއްސާރަވާނެކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

ގަދައަށް ވިދާ ގުގުރާނެ ކަމަށް ލަފާކުރެވޭތީ، ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ދުރާލާ ތައްޔާރުވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. މިގޮތުން، ހާމަ ތަންތަނާއި ޓެރެސް ފަދަ ތަންތަނަށް ނުދިއުމަށާއި، ވީހާވެސް ބޮޑަށް އިމާރާތްތަކުގެ އެތެރޭގައި މަޑުކުރުމަށް ވަނީ އަންގާފައެވެ. އަދި ބޭރުގައި އުޅޭނަމަ ގަސްދަށާއި އުސް ތަންތަނާ ދުރުވުމަށާއި، ކަރަންޓު ސާމާނު ބޭނުންކުރުން މަދުކޮށް ޕްލަގުން ނައްޓާފައި ބެހެއްޓުމުގެ އިތުރުން ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި ދަގަނޑު އެއްޗެހިން ދުރުހެލިވުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިއަދު ހެނދުނު 10:00 އިން މެންދުރު 1:00 އަށް ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މެޓް އޮފީހުން ވަނީ ރީނދޫ އެލާޓްވެސް ނެރެފައެވެ. މީގެ އިތުރުން، މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ގިނަ ހިސާބުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހޭނެކަމަށް ބެލެވެއެވެ. އަދި ހުރިހާ ސަރަހައްދެއްގެ ފިނިހޫނުމިންވެސް އާންމު މިންވަރަށްވުރެ މަތިވާނެކަމަށް ލަފާކުރެވެއެވެ.

މެއި މަހު ފެށޭ ހުޅަނގު މޫސުމާއެކު ޖޫން މަހުން ފެށިގެން ސެޕްޓެމްބަރާ ހަމައަށް އާންމުކޮށް ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަކުރެއެވެ. މެޓް އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް ހަތަރު މަހުގެ މި ފޯކާސްޓު ތައްޔާރުކޮށްފައިވަނީ އެޕްރީލް މަހުގެ މޫސުމީ ހާލަތާއި މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ. އަދި މޫސުމަށް އަންނަ މިފަދަ ބަދަލުތައް މަހުން މަހަށް އަދާހަމަކުރަމުން ގެންދާނެކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.