ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ވަކި ފަރާތަކަށް ނުޖެހި، އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
މިކަމަށް އިލްތިމާސްކުރައްވައި އެމަނިކުފާނު ސޯޝަލް މީޑިއާގައި އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިމިޤްރާޠީ ނިޒާމެއް ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްޤީއާއި ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް މިނިވަން މީޑިއާއެއްގެ ދައުރު ނުހަނު ބޮޑު ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު ކަށަވަރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރައްވައި، ސަރުކާރުން އަބަދުވެސް މިނިވަން މީޑިއާއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި ނޫސްވެރިކަން ކުރުމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަން ފާހަގަކުރައްވައި، މަޢުލޫމާތު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި މިނިވަން ބަހުސްތަކަށް ޖާގަދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ސަރުކާރުގެ ހާމަކަން ބޮޑުކޮށް، ޖަވާބުދާރީވުން އިތުރުކުރުމާއެކު ރައްޔިތުންގެ އިތުބާރާއި ބައިވެރިވުން އިތުރުކުރުމަށް މުހިންމު ފިޔަވަޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އާންމު މަސްލަޙަތު ހިމާޔަތްކުރުމުގައި ނޫސްވެރިން ކުރާ މަސައްކަތާއި އެފަރާތްތަކުގެ ހުނަރާއި ހިތްވަރަށް ރައީސް ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި ރައްޔިތުންނަށް އަބަދުވެސް ސައްޙަ، ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމަނިކުފާނު ވަނީ ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 3 ވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހުގެ މައިގަނޑު މަޤުޞަދަކީ މިނިވަން މީޑިއާއެއްގެ މުހިންމުކަން އަންގައިދީ، މަޢުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާ މެދު އާންމުން ހޭލުންތެރިކުރުވުމެވެ.
ކޮމެންޓު ފޮނުވާ