ނޫސްވެރިންނަށް ރައްކާތެރި ފަހި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު: ރައީސް

ނޫސްވެރިންނަށް ރައްކާތެރި ފަހި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު: ރައީސް

Author
އަހުމަދު
03 މެއި 2026 01:17
0

ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުންވެސް ފަހި އަދި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްދިނުމަކީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ އިސްކަންދޭ އެއް ކަންތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިޠާބެއްގައި ރައީސް ވަނީ، މީޑިއާއަކީ ދައުލަތުގެ ވަކިވެފައިވާ ބާރުތައް ގުޅުވައިދޭ އެންމެ މުހިންމު "ހަތަރުވަނަ ބާރު" ކަމުގައި ސިފަކުރައްވާފައެވެ. އަދި ރައްޔިތުން ބާރުވެރިކުރުވައި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގައި ޒިންމާދާރު ނޫސްވެރިކަމުގެ ދައުރު ނުހަނު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިސްލާމްދީނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި ޖާގަދީފައިވީ ނަމަވެސް، އެކަން ކުރަންވާނީ އަޚުލާޤީ މިންގަނޑުތަކާއި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓޭނެ ގޮތެއްގެ މަތިންކަމަށް ރައީސް ވިދާޅުވިއެވެ. އިންސާނީ ޙައްޤުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ސުލްހަމަސަލަސްކަން ދެމިއޮތުންވެސް ގުޅިފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިންނަށް ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތައް އެންމެ މަތީ ދަރަޖައިގައި ކަށަވަރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން، ސަރުކާރުން މަސައްކަތްކުރަމުންދަނީ ނޫސްވެރިކަމަކީ ޒުވާނުންނަށް ފަހި މުސްތަޤުބަލެއް އޮތް، އަބުރުވެރި ދިރިއުޅުމެއް ބިނާކުރެވޭނެ ދާއިރާއަކަށް ހެދުމަށް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން މީޑިއާތަކަށް ދިމާވެފައިވާ މާލީ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި މީޑިއާ ވިލެޖެއް ތަރައްޤީކުރުމާއި، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ދޫކުރުމުގެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިނިވަން މީޑިއާއަކީ ޙައްޤަކަށްވާއިރު އެއީ ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވައި، ސަރުކާރު ޒިންމާދާރުކުރުވުމަށް މީޑިއާތަކުން އަމާޒުކުރާ ބިނާކުރުވަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުޙަބާ ކިޔާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިންނަށް އަމާޒުކޮށް ގަސްދުގައި ދެމުންދާ ޙަމަލާތަކާއި މަރުގެ ހާދިސާތައް ކުށްވެރިކުރައްވައި، ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ދޮގު މަޢުލޫމާތު ފެތުރުމާ މެދު ސަމާލުވެ ރައްކާތެރިވުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.