މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލުތައް އަބަދުވެސް ހާމަކުރަމުންދާ ކަމަށް، އެ ޕާޓީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ދާދި ފަހުން ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. މީކާއިލް ވިދާޅުވެފައިވަނީ، އިންތިހާބުތަކާ ގުޅިގެން ރަށްރަށަށް ކުރެއްވި ދަތުރުތަކުގައި ޕާޓީގެ އާންމު މެމްބަރުންނާ ބައްދަލުކުރެއްވިއިރު، އެންމެ ބޮޑު ޝަކުވާއަކަށް އިވުނީ ޕާޓީއަށް ލިބޭ ފައިސާ ހަރަދުވާ ގޮތް ނޭނގުމުގެ ކަންބޮޑުވުން ކަމަށެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބާ ހަމައަށް ޕާޓީއަށް ބޮޑެތި އަދަދުތަކުން ފައިސާ ލިބުނު ނަމަވެސް، އެ ފައިސާއަށް ވީގޮތާމެދު އާންމު މެމްބަރުން ސުވާލު އުފައްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޗެއާޕާސަން ކަމަށް ހޮވިވަޑައިގެންފިނަމަ ޕާޓީގެ މާލީ ކަންކަން ވަރަށް ފުރިހަމައަށް އަދި ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމަށާއި، އޭނާގެ ފުރަތަމަ އަމާޒަކީ ފައިސާގެ ތަފްސީލުތައް މެމްބަރުންނަށް އާންމުކުރުން ކަމަށްވެސް މީކާއިލް ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނިޔާޒު ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ގަވާއިދުން އޮޑިޓް ރިޕޯޓްތައް އާންމުކުރަމުން އަންނަ ޕާޓީއެއް ކަމަށެވެ. އަދި އޮޑިޓް ރިޕޯޓަކީ އަހަރަކު އެއްފަހަރު ނެރޭ ހުލާސާ ރިޕޯޓެއްކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ، މީކާއިލްގެ ވައުދަކީ އެ ރިޕޯޓުގެ އިތުރުން، ކޮންމެ މަހެއްގެ މާލީ ހިސާބުތައްވެސް އާންމު މެމްބަރުންނަށް ފެންނާނެހެން ހާމަކުރުން ކަމަށެވެ.
ކޮމެންޓު ފޮނުވާ