އިންޑިއާއާއި އިޓަލީން 2026-27 ގެ އަސްކަރީ އެއްބާރުލުމުގެ ޕްލޭން ބަދަލުކޮށްފި

އިންޑިއާއާއި އިޓަލީން 2026-27 ގެ އަސްކަރީ އެއްބާރުލުމުގެ ޕްލޭން ބަދަލުކޮށްފި

Author
އަހުމަދު
02 މެއި 2026 10:50
0

އިންޑިއާއާއި އިޓަލީވިލާތުގެ ދިފާޢީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން، 2026-27 ވަނަ އަހަރަށް އެކުލަވާލާފައިވާ ބައިލެޓަރަލް މިލިޓަރީ ކޯޕަރޭޝަން ޕްލޭން (އެމް.ސީ.ޕީ) ދެ ޤައުމުގެ ދެމެދުގައި ބަދަލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އިންޑިއާއާއި އިޓަލީވިލާތުން ވަނީ ދެޤައުމުގެ ދިފާޢީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް އަޅައި، 2026-27 ވަނަ އަހަރަށް އެކުލަވާލާފައިވާ ބައިލެޓަރަލް މިލިޓަރީ ކޯޕަރޭޝަން ޕްލޭން (އެމްސީޕީ) ބަދަލުކޮށްފައެވެ.

މިކަން ހިނގާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގް، އިޓަލީގެ ޑިފެންސް މިނިސްޓަރ ގުއިޑޯ ކްރޮސެޓޯއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސް އިން ހާމަކޮށްފައިވާ ގޮތުގައި، އަލަށް ބަދަލުކުރެވުނު އެމްސީޕީގައި ކުރިއަށް އޮތް އަހަރު ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ހަރުދަނާ ގޮތެއްގައި އަސްކަރީ މުޢާމަލާތްތައް ކުރިއަށް ގެންދާނެ ގޮތުގެ މަގުޗާޓެއް ވަނީ އެކުލަވާލާފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަސްކަރީ ހަރަކާތްތައް އިތުރުކުރުމަށާއި، ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ސިނާޢީ ގުޅުން ފުޅާކުރުމަށެވެ. އަދި އިންޑިއާ-އިޓަލީ ސްޓްރެޓީޖިކް ޕާޓްނަރޝިޕް ބިނާވެފައިވަނީ ސުލްހައާއި، ހަމަޖެހުމާއި، މިނިވަންކަމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މައްޗަށްކަން ދެ ވަޒީރުން ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރާޖްނާތު ސިންގް ވިދާޅުވީ، އިޓަލީގެ ކައުންޓަރޕާޓް ގުއިޑޯ ކްރޮސެޓޯއަށް މަރުޙަބާ ދެންނެވުމަކީ ލިބުނު އުފަލެއް ކަމަށާއި، ދިއްލީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އަދި މެދުއިރުމަތީގެ މިހާރުގެ ހާލަތު ހިމެނޭގޮތަށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގިނަ މައްސަލަތަކަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންޑިއާގެ އާޓްމަނިރްބަރް ބާރަތު ޕްރޮގްރާމާއި އިޓަލީގެ ދިފާޢީ ކޯޕަރޭޝަން އިނިޝިއޭޓިވްގެ ދަށުން ދެފަރާތަށް ފައިދާހުރި ދިފާޢީ ސިނާޢީ ގުޅުން އިތުރަށް ތަރައްޤީކުރެވޭނެ ގޮތްތަކާމެދުވެސް އަޅުގަނޑުމެން މަޝްވަރާކުރިން. އަދި ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ހިންގޭ ހަރަކާތްތަކާ ގުޅޭގޮތުން ބައިލެޓަރަލް މިލިޓަރީ ކޯޕަރޭޝަން ޕްލޭން (އެމްސީޕީ) 2026-27 ވަނީ ބަދަލުކުރެވިފައި،" އޭނާ އިތުރަށް ވިދާޅުވިއެވެ.

މީގެ ކުރިން ބުރާސްފަތި ދުވަހު ކްރޮސެޓޯ ވަނީ ނޭޝަނަލް ވޯރ މެމޯރިއަލްގައި ޝަހީދުވެފައިވާ ސިފައިންނަށް އިޙްތިރާމް އަދާކުރައްވާފައެވެ. އަދި ދިއްލީ ކެންޓްގެ މަނެކްޝޯ ސެންޓަރުގައި އޭނާއަށް ވަނީ ޓްރައި-ސަރވިސް ގާޑް އޮފް އޮނަރ އެއް އަރުވާފައެވެ.

ހަމައެއާއެކު، އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އިންޑިއަން ކޯސްޓް ގާޑުން ވަނީ އިޓަލީގެ ޝިޕްބިލްޑަރ ފިންކަންޓިއޭރީގެ އިސް މަންދޫބުން ހިމެނޭގޮތަށް އިޓަލީގެ ވަފުދަކާ ކޯސްޓް ގާޑް ހެޑްކުއާޓަރސްގައި ބައްދަލުކޮށްފައެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ޝިޕްޔާޑުތަކާ ގުޅިގެން ކުރިއަށް އޮތްތަނުގައި ހިންގިދާނެ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި އުޅަނދުފަހަރުގެ ޑިޒައިން ފުރިހަމަކުރުމާއި، ހައިބްރިޑް/އިލެކްޓްރިކް ޕްރޮޕަލްޝަން ފަދަ ޒަމާނީ ފީޗަރސްތަކަށް އަލިއަޅުވާލާފައިވެއެވެ.

އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ނިންމުންތައް ނިންމުމާއި، އެންޓި-ޑްރޯން ޑިފެންސް އަދި ތިމާވެއްޓާ ރައްޓެހި އުޅަނދުފަހަރު އުފެއްދުމުގެ ޓެކްނޮލޮޖީތައް އިންޑިއާގައި ތަރައްޤީކުރުމާ ގުޅޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.