މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް މުޙައްމަދު ލަމްޢާން ޢައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ލަމްޢާން މި މަޤާމަށް ހަމަޖައްސަވާފައިވަނީ، ކުރިން އެ މަޤާމު ފުރުއްވަމުން ގެންދެވި އިބްރާހިމް ޒިޔަތު އެ މަޤާމުން ވަކިކުރެއްވުމަށް ފަހުގައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގެވުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ލަމްޢާން އެންމެ ފަހުން އަދާކުރައްވާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ. އެ މަޤާމުގައި ހުންނަވައިގެން އޭނާ ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންތައް ހަރުދަނާކުރެއްވުމަށް އިސް ދައުރެއް އަދާކުރައްވާފައެވެ.
މީގެ އިތުރުންވެސް އޭނާ ވަނީ ކުންފުނިތަކުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމާއި، މިފްކޯގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުކަމުގެ އިތުރުން ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަޤާމު ހިމެނެއެވެ. ލަމްޢާން ވަނީ މި މަޤާމުތަކުގައި ކުންފުނިތަކުގެ ހިންގުމުގެ ނިޒާމުތައް ހަރުދަނާކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ޔުނިވަރސިޓީ އޮފް ކޮލަމްބޯއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައިވާ ލަމްޢާނަކީ ކޯޕަރޭޓް ގަވަރނަންސް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލީޑަރޝިޕްގެ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. އޭނާ އެމްޕީއެލްގެ ބޯޑާ ގުޅިވަޑައިގަތުމާއެކު، އެ ކުންފުނީގެ ހިންގުން އިތުރު ހަރުފަތަކަށް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ