ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމުގެ ބޮޑު ކާރިސާގައި ފެންނަމުންދާ މަންޒަރުތަކަކީ ހިތަށް ކެތްވާވަރަށްވުރެ ހިތްދަތި މަންޒަރުތަކެއް ކަމަށް ބޮލީވުޑްގެ ލެޖެންޑް އަމީތާބް ބައްޗަން ބުނެފިއެވެ.
އުމުރުން 83 އަހަރުގެ އަމީތާބް އޭނާގެ ރަސްމީ ބްލޮގުގައި ލިޔެފައިވާ ގޮތުގައި، ގުދުރަތީ ކާރިސާތަކަކީ އިންސާނުންގެ ބާރު ފޯރާ ކަންކަމެއް ނޫނެވެ. މިފަދަ ދަނޑިވަޅެއްގައި އޮތް ހަމައެކަނި އުންމީދަކީ ކައުނުގެ ވެރިރަސްކަލާނގެ މިންވަރުފުޅަށް އިތުބާރު ކުރުން ކަމަށާއި، ނޭޕާލްގެ ރައްޔިތުންނަށް ހެޔޮ ދުއާ ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޗައިނާގެ ބޯޑަރު ކައިރީގައި އޮންނަ ގްލޭޝިއާއެއް ބިންދައިގެން ގޮސް، އުފެދުނު ގަނޑުފެނާއި ކިސަޑުގެ ސައިލުގައި މިދިޔަ ބުދަ ދުވަހު ނޭޕާލްގެ ރަސުވާ އާއި މެދުތެރޭގެ ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް އަވަށްތައް އެއްކޮށް ފެނުއަޑިއަށް ގޮސް، ބްރިޖްތަކާއި، މަގުތަކާއި، ހައިޑްރޯޕަވަރު ކާރުޚާނާތައް ވަނީ ހަލާކުވެފައެވެ. މިހާތަނަށް 670 އަށްވުރެ ގިނަ މީހުން މަރުވެ، 2،400 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަމީތާބްގެ އިތުރުން، ފަރުހާން އަޚްތަރު، ކަންގަނާ ރަނާވަތު، ބޫމީ ޕެޑްނޭކަރް، ސަންޖޭ ދަތު އަދި ނޭޕާލަށް އުފަން ބަތަލާ މަނީޝާ ކޮއިރާލާ ފަދަ މަޝްހޫރު ތަރިން ވަނީ ތައުޒިޔާގެ މެސެޖުތައް ފޮނުވާފައެވެ. ސޯނޫ ސޫދު ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ