ރައީސް މުޢިއްޒުގެ ލަންކާ ދަތުރުފުޅު: 7 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

ރައީސް މުޢިއްޒުގެ ލަންކާ ދަތުރުފުޅު: 7 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

Author
އަހުމަދު
01 މެއި 2026 03:14
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ތަފާތު އެކި ދާއިރާތަކުން ހަތް އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްދާނެއެވެ. އަދި ތަފާތު ގިނަ ދާއިރާތަކަކުން ފަހުމުނާމާތަކެއްގައި ސޮއިކުރެވިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ވިޔަފާރިވެރިން ބައްދަލުކޮށް އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ، ލަންކާގެ ބޮޑުވަޒީރާއި ވަޒީރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ރައީސް މުޢިއްޒު ބައްދަލުކުރައްވާނެ ކަމަށް މުންދު ވިދާޅުވިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ހިމެނިވަޑައިގަންނަވާ މަތީ ފެންވަރުގެ ވަފުދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.