ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖަށް އަމާޒުކޮށް އޭނާގެ ސައިކަލުގައި ގަސްތުގައި ރޯކޮށްލި މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ.
މިދިޔަ ހޯމަ ދުވަހުގެރޭ 10:30 ހާއިރު ހިނގި މި ހާދިސާގައި، އިންޗާޖު ދިރިއުޅޭ ގޭގެ ކައިރީގައި ބަހައްޓާފައި ހުރި އެ ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައެވެ. އަދި އަލިފާނުގެ ސަބަބުން އެ ގޭގެ ގޭޓަށާއި ގޭގެ ބައެއް ސަރަހައްދުތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
މިކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ބިރުދެއްކުމުގެ ގޮތުން ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ކަމަށް ސިފަކޮށް، ފުލުހުން ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިހާރު ފުލުހުން ދަނީ މިކަން ކުރި ބަޔަކު ހޯދައި، އެފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ކުށްކުރާ ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ބިރުދެއްކުމަށް ފިނޑި އަމަލުތައް ހިންގި ނަމަވެސް، ގާނޫނު ތަންފީޒުކުރުމުގައި ފުލުހުން ފަސްނުޖެހޭނެ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ. އަދި އަނިޔާކުރުމާއި ބަދަލުހިފުމުގެ ރޫހުގައި ހިންގާ މިފަދަ ކަންކަމުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ