ޕީސީބީގެ ރައީސް ކަމަށް އަލުން ނިޒާރު އައްޔަންކުރައްވައިފި

ޕީސީބީގެ ރައީސް ކަމަށް އަލުން ނިޒާރު އައްޔަންކުރައްވައިފި

Author
އަހުމަދު
30 އޭޕްރިލް 2026 10:58
0

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ކަމުގެ މަގާމުން މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މުހައްމަދު ނިޒާރު އަލުން އައްޔަންކުރައްވައިފި އެވެ.

ޕީސީބީން މައުލޫމާތު ދީފައިވާ ގޮތުގައި، މި އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެ ބޯޑުގެ ރައީސް ކަމަށް އައްޔަންކުރެއްވި އަނަސް މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާގެ އިސްތިއުފާއާ ގުޅިގެން ހުސްވި މަގާމަށް އައްޔަންކުރެއްވި ނިޒާރަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ، އަދި 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ވެސް ޕީސީބީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ނިޒާރު ވަނީ ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފަ އެވެ. އެގޮތުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް މަގާމުތައް އޭނާ ވަނީ ފުރުއްވާފަ އެވެ. ތައުލީމީ ގޮތުން ބަލާއިރު، ނިޒާރު ވަނީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް (އެމްބީއޭ) އަދި ގްރެޖުއޭޓް ސެޓްފިކެޓް ހާސިލުކުރައްވާފަ އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގައި ރައީސާއި ނައިބު ރައީސާއެކު ޖުމުލަ 7 މެމްބަރުން ތިއްބަވަ އެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މި މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.