ރާއްޖޭގައި އަލަށް ހަދާ "އޯޕަން ޕްރިޒަން" އަށް އޮފިސަރުން ހޯދަން ފަށައިފި

ރާއްޖޭގައި އަލަށް ހަދާ "އޯޕަން ޕްރިޒަން" އަށް އޮފިސަރުން ހޯދަން ފަށައިފި

Author
އަހުމަދު
30 އޭޕްރިލް 2026 12:34
0

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އޯޕަން ޕްރިޒަން ނުވަތަ "ހޯޕް އައިލެންޑް" ހިމެނޭހެން، ޖަލުތަކުގައި މަސައްކަތްކުރާނެ ޕްރިޒަން އޮފިސަރުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއުލާނުކޮށްފިއެވެ.

ކަރެކްޝަންސް އިން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން، ޕްރިޒަން އޮފިސަރު ޓްރޭނީންގެ ގޮތުގައި މީހުން ހޯދަނީ މާފުށީ ޖަލާއި، އައްސޭރި ޖަލުގެ އިތުރުން އަލަށް ތަރައްގީކުރާ އޯޕަން ޕްރިޒަން އައިލެންޑަށެވެ. ސްޕަވައިޒަރެއްގެ އިރުޝާދުގެ ދަށުން މަސައްކަތްކުރަންޖެހޭ މި މަގާމަށް ހޮވޭ ފަރާތްތަކަށް މުސާރަ އާއި އެލަވަންސާއެކު މަހަކު ޖުމްލަ 11،605 ރުފިޔާ ލިބޭނެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ދޭ 6،050 ރުފިޔާ އާއި މަގާމުގެ އެލަވެންސްގެ ގޮތުގައި ދޭ 5،555 ރުފިޔާއެވެ. މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މެއި މަހުގެ 14 ވަނަ ދުވަހުގެ 18:00 ގެ ކުރިން 'މައި އެމްސީއެސް ޕޯޓަލް' މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ.

ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢާރަފުކުރާ އޯޕަން ޕްރިޒަން ކޮންސެޕްޓުގެ އުމްރާނީ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވާފައެވެ. އަދި މިއަހަރުގެ ނިޔަލަށް އެތަނަށް ގައިދީން ބަދަލުކުރުމަށް ވަނީ އަމާޒުހިފާފައެވެ.

މި ރަށަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުދި ކުށްތަކުގައި ހުކުމް ތަންފީޒުކުރާ، މިނިމަމް ސެކިއުރިޓީ ބޭނުންވާ ގައިދީންނެވެ. އެތަނުގައި އެމީހުންނަށް ދަނޑުވެރިކަމާއި ތަފާތު އެކި މަސައްކަތްތައް ހުނަރުގެ ގޮތުގައި ދަސްކޮށްދީ، މުޖުތަމައަށް ފައިދާހުރި ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ ނެރުމަށް ހާއްސަ އިސްކަމެއް ދޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.