ރައީސް މުޢިއްޒު އަންނަ މަހުގެ 3 ގައި ލަންކާއަށް: މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވަނީ

ރައީސް މުޢިއްޒު އަންނަ މަހުގެ 3 ގައި ލަންކާއަށް: މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވަނީ

Author
އަހުމަދު
28 އޭޕްރިލް 2026 06:13
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަގެ ދަޢުވަތަކަށް އަންނަ މޭ މަހުގެ 3 ވަނަ ދުވަހު އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޭ މަހުގެ 3 އިން 5 އަށް ރައީސް މުޢިއްޒު ކުރައްވާ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ލަންކާގެ ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ރުހުން ދީފައެވެ.

މި ދަތުރުފުޅުގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރޭގައި، ދެ ޤައުމުގެ ދިފާޢީ ދާއިރާގެ މެދުގައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި މުވައްޒަފުން ބަދަލުކޮށްގެން ގުޅިގެން ދިރާސާކުރުމުގެ އެއްބަސްވުމެއް ހިމެނެއެވެ. މީގެ އިތުރުން، ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވެރިން ތަމްރީނުކުރުމަށް ތަޢުލީމީ ވުޒާރާތަކުގެ މެދުގައި ވެވޭ އެއްބަސްވުމަކާއި، ޞިއްޙީ ދާއިރާއިން ރާއްޖޭގެ ހެލްތު މިނިސްޓްރީއާއި ލަންކާގެ ފެމިލީ އެންޑް ވެލްފެއަރ އަދި ކޮލަމްބޯ ޔުނިވަރސިޓީއާ ދެމެދު ވެވޭ މުހިންމު އެއްބަސްވުމެއްގެ އިތުރުން ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނޭކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.

މި ދާއިރާތަކުގެ އިތުރުންވެސް އެހެނިހެން ބައެއް ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މި ދަތުރުފުޅުގެ ތެރެއިން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުއެވެ. އޭގެ ފަހުން ދެ ޤައުމުގެ ދެމެދުގައި އަންނަނީ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.