ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި، ރާއްޖޭގައި 'އެންޓި-ބުލީއިންގ' ޤާނޫނެއް އެކުލަވާލަނީ

ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި، ރާއްޖޭގައި 'އެންޓި-ބުލީއިންގ' ޤާނޫނެއް އެކުލަވާލަނީ

Author
އަހުމަދު
27 އޭޕްރިލް 2026 06:23
0

ރާއްޖޭގައި ބުލީކުރުން ހުއްޓުވުމަށްޓަކައި ޚާއްޞަ 'އެންޓި-ބުލީއިންގ' ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އަލަށް އެކުލަވާލެވޭ މި ޤާނޫނުގެ ދަށުން ބުލީކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި ބުލީކުރުމާއި ފުރައްސާރަކުރުމުގެ މާނަކުރުންތައް ތަފްޞީލުކޮށްދީ، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޖިނާއީ އިޖުރާއަތްތައް ހިންގޭނެ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޤާނޫނު ތަންފީޒުކުރެވޭނީ ހަމައެކަނި ސްކޫލްތަކާއި ތަޢުލީމީ މުއައްސަސާތަކަކު ނޫނެވެ. އޭގެ ބަދަލުގައި ވަޒީފާގެ މާޙައުލާއި، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ އިތުރުން އޮންލައިންކޮށް ކުރާ ސައިބަރ ބުލީއިންގ ހުއްޓުވުމުގެ ފިޔަވަޅުތައްވެސް މި ޤާނޫނުގެ ތެރޭގައި ހިމެނުމަށް ވަނީ ނިންމާފައެވެ.

ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ރިޢާޔަތްކޮށް އެކުލަވާލާ މި ޤާނޫނުގެ ދަށުން، ބުލީކުރުމުގެ މައްސަލަތައް ރިޕޯޓުކުރާނެ މަރުކަޒީ އިދާރާއެއް އުފެއްދުމަށާއި، ރަސްމީ ތަޢުލީމީ މަންހަޖުގެ ތެރޭގައި މިކަމާގުޅޭ މަޢުލޫމާތު ހިމެނުމަށް ސަރުކާރުން ވަނީ ރާވާފައެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި މިއީ މުޖުތަމަޢުގެ ރައްކާތެރިކަމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މި މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭނީ މުޅި މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއްގެވެސް ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.