މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ އަދަދު 21،836 ރުފިޔާއަށް ބޮޑުވެއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ އަދަދު 21،836 ރުފިޔާއަށް ބޮޑުވެއްޖެ

Author
ޙަސަން މުޙައްމަދު
22 އޭޕްރިލް 2026 10:15
0

ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ އަދަދު މައްޗަށް ގޮސް، 21،836.50 ރުފިޔާއަށް މިއަދު ކަނޑައަޅައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން އަމަލުކުރަމުންދާނީ މި އައު ނިސާބަށެވެ. ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގު ހުންނަ މިންވަރަށް ބަލައިގެންނެވެ. އެހެންކަމުން މިއަދު ކަނޑައެޅި އައު އަދަދަކީ، ރިހީގެ ގްރާމަކަށް 36.70 ރުފިޔާގެ ރޭޓުން ބަލައި، 595 ގްރާމް ރިއްސަށް ޖެހޭ މިންވަރެވެ.

މީގެ ކުރިން އެންމެ ފަހުން ނިސާބަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭރު ނިސާބުގެ ގޮތުގައި ކަނޑައަޅާފައި އޮތީ 19،527.90 ރުފިޔާއެވެ. ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން އަހަރުގެ އެކި ދުވަސްވަރު ނިސާބުގެ އަދަދަށް މިފަދައިން ބަދަލު އާދެއެވެ.

މުދަލު ޒަކާތް ނެރުން ވާޖިބުވަނީ، މީހެއްގެ މިލްކިއްޔާތުގައި ނިސާބު ހަމަވާ މިންވަރަށް ފައިސާ ނުވަތަ މުދާ ހުރެ، އޭގެ މައްޗަށް ހިޖުރީ ގޮތުން އެއް އަހަރު ދުވަސް ހަމަވުމުންނެވެ. މިގޮތަށް އެއް އަހަރު ހަމަވުމުން، އެ މީހެއްގެ އަތުގައި ހުރި ފައިސާގެ 40 ބައިކުޅަ އެއްބައި (2.5 އިންސައްތަ) ޒަކާތުގެ ގޮތުގައި ދެއްކުން އިސްލާމީ ޝަރީޢަތުގައި ލާޒިމުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.