ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރެވެމުންދާ ކަމަށެވެ. މީގެ ތެރޭގައި އައު މުވައްޒަފުން ހޯދުމާއި، އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން ޒަމާނީ ވަސީލަތްތައް ޤާއިމުކުރުން ހިމެނެއެވެ. އަދި ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އައު މެޝިނަރީތައް ގެނެވި، ޚިދުމަތް ދޭން ފެށޭނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިއަހަރު ފެށުނީއްސުރެ އައު ޚިދުމަތްތަކެއް ތަޢާރަފުކުރަމުންދާއިރު، މިހާރު ވަނީ ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ހޮސްޕިޓަލަށް ގެނެސްފައެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނާރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކުވެސް ގެނެވޭނެކަމަށް އަޝްރަފް ވިދާޅުވިއެވެ. މި ބަދަލާއެކު، ބޭސްފަރުވާއަށް މާލެއަށް ދިއުމަށް ތިނަދޫއާއި މުޅި ސަރަހައްދުގެ ރައްޔިތުން ކުރަންޖެހޭ ބޮޑު ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަން އޭނާ އުފަލާއެކު ފާހަގަކުރެއްވިއެވެ.
ޚާއްސަކޮށް، ކިޑްނީގެ ޑޮކްޓަރެއް ހުރުމަކީ އެ ހޮސްޕިޓަލުން ގަވާއިދުން ޑަޔަލިސިސް ހަދަމުންދާ 18 މީހުންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެކެވެ. އޭއެސްއެމްއެޗްގައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 150 ޑަޔަލިސިސް ސެޝަން ކުރިއަށްގެންދާއިރު، ސަރަހައްދުގެ ރައްޔިތުންނަށް މި ޚިދުމަތްތަކާއި ޚާއްސަ ޑޮކްޓަރުންގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާކަމަށް ހޮސްޕިޓަލުގެ ސީއީއޯ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ