ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަޤާމަށް ޙަސަން ރަޝީދު މިރޭ ޢައްޔަންކުރައްވައިފިއެވެ.
މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިރޭ އިރާކޮޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާފައިވާއިރު، އޭނާއަށް ވަޒީރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ. އަދި ހުވައިކުރެއްވުމަށްފަހު ޙަސަން ރަޝީދު ވަނީ މަޤާމުގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރުކަމުގެ މަޤާމު ހުސްވެފައިވަނީ، ރޭ ސަރުކާރުން ގެންނެވި ކެބިނެޓް ބަދަލުތަކާ ގުޅިގެންނެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވާހެން 10 ވަޒީރަކު ވަނީ އެ ބަދަލުތަކުގެ ތެރެއިން މަޤާމުން ވަކިވެވަޑައިގެންފައެވެ. އެހެންނަމަވެސް، ދިފާޢީ ވުޒާރާ ހިންގުން ހަވާލުކުރެއްވި ފަރާތެއް ރޭގެ ވަގުތެއްގައި ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ