ރާއްޖެއިން ދެ ގައުމަކަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުންނަށް މަޖިލީހުން ރުހުންދީފި

ރާއްޖެއިން ދެ ގައުމަކަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުންނަށް މަޖިލީހުން ރުހުންދީފި

Author
ޙަސަން މުޙައްމަދު
15 އޭޕްރިލް 2026 01:32
0

ރާއްޖެއިން ދެ ގައުމަކަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

މަޖިލީހުން ރުހުންދީފައިވަނީ އާޖެންޓީނާގެ ނޮން ރެސިޑެންޓް ސަފީރުކަމަށް، އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު އައްޔަންކުރުމަށާއި، ބޮސްނިއާ އެންޑް ހެރްޒެގޮވީނާގެ ސަފީރުކަމަށް ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު އައިޝަތު ޝާން ޝާކިރު އައްޔަންކުރުމަށެވެ. ކޮމިޓީން ދިރާސާކުރުމަށްފަހު ތަޅުމަށް ހުށަހެޅި މި ރިޕޯޓަށް ވޯޓަށް އެހުމުން، ޑރ. އަލީ ނަސީރަށް ރުހުން ދިނުމަށް 55 މެންބަރުން ވޯޓު ދެއްވިއިރު، ޝާން ޝާކިރަށް ރުހުން ދިނުމަށް 54 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. މި ދެ ބޭފުޅުންނަށް ރުހުން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މި ދެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މާޗު މަހުގެ އަށްވަނަ ދުވަހުއެވެ. އާޖެންޓީނާގެ ސަފީރުކަމަށް ހަމަޖެއްސެވި ޑރ. އަލީ ނަސީރަކީ 1985 ވަނަ އަހަރުން ފެށިގެން ފޮރިން ސާވިސްގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ، އަދި ޑިޕްލޮމެޓިކް ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިންވެސް އދ. ގެ ދާއިމީ މަންދޫބުކަމާއި، އެމެރިކާ އަދި ކެނެޑާގެ ސަފީރުކަމުގެ އިތުރުން ފޮރިން މިނިސްޓްރީގެ މަލްޓިލެޓަރަލް ސެކްރެޓަރީކަން ކުރައްވާފައެވެ.

ބޮސްނިއާގެ ސަފީރުކަމަށް ހަމަޖެއްސެވި ޝާން ޝާކިރަކީ 2020 ވަނަ އަހަރު ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު އަދާކުރައްވާފައިވާ، އަދި ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަމާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަން ފަދަ އިސް މަގާމުތައްވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.